ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ އާބަން އައިލްގައި 3 ހޮޓެލް ހިންގާނެ ބަޔަކު ހޯދުމަށް އާބަންކޯއިން އިއުލާނު ކޮށްފިއެވެ.
އާބަންކޯއިން މިއަދު އިއުލާނުކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިންގާ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓްގެ ދަށުން 3 ބުޓިީކް ހޮޓެލް އަޅާ ހިންގާނެ ބަޔަކު ހޯދުމަށެވެ.
މި ހޮޓެލްތައް އެޅުމަށް ދޫކުރަން ނިންމާފައިވަނީ 4246 އަކަފޫޓާއި 5413 އަކަފޫޓާއި ދެމެދުގެ ބިންތަކެކެވެ.
އެކުއިޒިޝަން ފީގެ ގޮތުގައި ދައްކަން ޖެހޭނީ މަދުވެގެން އަކަފޫޓަކަށް 22.15 އެމެރިކާ ޑޮލަރު ކަމަށް އާބަންކޯގެ އިއުލާނުގައި ބުނެފައިވެއެވެ.
ބުޓީކް ހޮޓެލް އަޅާ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން ޝައުގުވެރިކަން ފާޅުކޮށް [email protected] އަށް އީމެއިލް ކުރުމަށް އާބަންކޯގެ އިއުލާނުގައި ބުނެފައިވެއެވެ.
އާބަންކޯއިން ބުނީ ހޮޓެލް އެޅުމަށް ބިން ހަވާލުކުރާތާ ދެ އަހަރު ދުވަހުގެ ތެރޭގައި ހޮޓެލް އަޅާ ނިންމަން ޖެހޭނެ ކަމަށެވެ.