ރޭ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެމިލީ ކޯޓު ހިންގާ އިމާރާތަށް ފެން ވަދެ ތަނާއި ތަކެއްޗަށް ގެއްލުންވުމުގެ ސަބަބުން ހިދުމަތްތައް މެދުކަނޑާލައިފިއެވެ.
އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު މުޢުތަޞިމް ޢަދުނާން ވަނީ ފެމިލީ ކޯޓަށް ވީ ގެއްލުންތައް ބައްލަވާލެއްވުމަށް އެ ކޯޓަށް ޒިޔާރަތް ކުރައްވާފައެވެ. އަދި އަވަސް ޙައްލެއް ހޯދައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެއެވެ.
ރޭ އިރާކޮޅުން ފެށިގެން މާލެއަށް ކުރި ވިއްސާރައިގައި ފެމިލީ ކޯޓުގެ ހެންވޭރު އިމާރާތުގެ ސީލިންގުން އިމާރާތުގެ އެތެރެއަށް ފެން ވަދެ މަސައްކަތް ނުކުރެވޭ ވަރަށް ތަނަށާއި ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށް ބުނެ ރޭ 10:20 ހާއިރު ފެމިލީ ކޯޓުން ވަނީ ނޯޓިސް އެއް ނެރެފައެވެ.
ގިނަ ދުވަސް ވެފައިވާ ފެމިލީ ކޯޓު އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިދިޔަ މާޗް މަހު ފަށާފައިވެއެވެ.