މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީ އާއި މައިނޯރިޓީ ޕާޓީ ކަމަށްވާ ޕީޕީއެމްގެ ރުހުމާއި އެކު ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުގެ ގަރާރަށް މާދަމާ ބަހުސް ފެށުމަށް ނިންމައިފިއެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.
އެ ގަރާރުގައި ގޮވާލާފައިވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް މިއަހަރުގެ ނޮވެމްބަރު 30 ގެ ކުރިން ނެގުމަށެވެ.
ނޮވެމްބަރު 30ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް މަޖިލީހަށް ގަރާރެއް
އެ ގަރާރުގައި ބުނެފައިވަނީ ކޮންމެ ރިޔާސީ އިންތިހާބެއްގެ ވޯޓާއި ހަމައަށް އަންނައިރު ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ރައްޔިތުން ވޯޓުލުމުގެބަދަލުގައި ރައްޔިތުން ވޯޓުލާން ޖެހިފައިވަނީ އެހެން މަގްސަދުތަކެއް ހާސިލް ކުރުމަށްޓަކައި ކަމަށް ފާހަގަކުރެވިފައިވާތީ އާއި ރައްޔިތުން ބޭނުންވާކަންތައްތައް ތަންފީޒުކުރުމަށްޓަކައި ރައްޔިތުންގެ ހައްގުގައި އެކަމަށް އެއްވެސް ވޯޓެއް ދެވޭތަންވެސް ފާހަގަ ނުކުރެވޭތީ މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭ ގޮތުން ރައްޔިތުން ދެކޭގޮތް ސާފުކުރުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނެގުމަށް ހުށަހަޅާ ގަރާރެއް ކަމަށެވެ.
މީގެ އިތުރުން މިހާތަނަށް ކޯލިޝަން ހެދުމަކާއި ނުލާއި ރިޔާސީ އިންތިހާބުގެ އެއްބުރުން އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ ގިނަ ވޯޓުކާމިޔާބު ކުރެވިފައިނުވާ ކަމަށާއި އެހެންކަމުން ކޮންމެ ރިޔާސީ އިންތިހާބެއްގައި ކޯލިޝަން ހެދުމާއި އިންތިހާބުގެ ތެރެއިން އެއް ޕާޓީ އަނެއް ޕާޓީއާއިއެއްބަސްވުންތައް ހެދުމާއި ވެރިކަމުގެ ދައުރުގެ ވަކި ހިސާބަކުން ޕާޓީތަކުގެ މެދުގައި ހިލާފު އުފެދި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކާއި ގައުމަށްގެންނަން ޖެހޭ ތަރައްޤީއާއި ދިމިގްރާތީ ނިޒާމެއްގައި މަސައްކަތް ކުރަން ޖެހޭ އެންމެ އެކަށީގެންވާ ގޮތެއްގައި ސަރުކާރުތަކުން މަސައްކަތް ކުރަމުންއައިސްފައިނުވާ ކަމަށް އިލްޔާސްގެ ގަރާރުގައި ވަނީ ފާހަގަ ކުރައްވާފައެވެ.