އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް/ ފޮޓޯ: މިހާރު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށް، ރީ-ރަޖިސްޓްރީ ވުމަށް ބޭނުންކުރާ އޮންލައިން ޕޯޓަލްގެ އެކްސެސް ކަމާނުގުޅޭ ފަރާތަކަށް ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރީ-ރަޖިސްޓަރީވުމަށް ބޭނުންކުރާ ޕޯޓަލަކީ 2020 ގެ ކައުންސިލް އިންތިހާބަށް ފަހު ބޭއްވި ހުރިހާ އިންތިހާބެއްގެ ރީ-ރަޖިސްޓްރޭޝަނަށް ބޭނުންކުރަމުން އައި ޕޯޓަލް ކަމަށާއި އެ ޕޯޓަލަކީ ރައްޔިތުންނާއި ހުރިހާ ސިޔާސީ ޕާޓީއެއްގެ އިތުބާރު ލިބިފައިވާ ޕޯޓަލެއް ކަމަށެވެ.

"ޕޯޓަލްގެ މަސައްކަތަކީ އައިޓީ ސެކިއުރިޓީ ކޮންސަލްޓެންޓެއްގެ ލަފައާއި އިރުޝާދުގެ މަތިން ބަލަހައްޓަމުންގެންދާ މުހިންމު މަސައްކަތެއްކަމުގައި ދަންނަވަމެވެ. އަދި ޕޯޓަލްގެ އެކްސެސް ކޮމިޝަންގެ ކުރީގެ މެންބަރަކަށް ނުވަތަ ކަމާ ނުބެހޭ އެއްވެސް މީހަކަށް ނޯންނާނެކަމުގެ ޔަގީންކަން އަރުވަމެވެ."

އިލެކްޝަނުން ބުނީ ރީ-ރަޖިސްޓްރޭޝަންގެ އޮންލައިން ޕޯޓަލްއާ މެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭގޮތަށް ބައެއް ފަރާތްތަކުން ފަތުރަމުންދާ ހަބަރަކީ ހަގީގަތާ ހިލާފު ހަބަރެއް ކަމަށެވެ. އީސީން ވަނީ އެ ކޮމިޝަނާއި ރައްޔިތުންނާއި އަދި ކެންޑިޑޭޓުންނާ ދެމެދު އޮތް އިތުބާރު ގެއްލޭފަދަ ގޮތްގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރީވުމަށް އީސީން ހުޅުވާލީ މިދިޔަ ހުކުރު ދުވަހު ހަވީރު ތިނެއް ޖެހިއިރުއެވެ. މުއްދަތު އިއްޔެ ހަވީރު ހަތަރަކަށް ވަނީ ހަމަވެފައެވެ.

މި މަހުގެ 30ވަނަ ދުވަހު އޮންނަ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ 2ވަނަ ބުރުގައި ވޯޓުލުމަށް 47،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރޭޝަނަށް ފޯމު ހުށަހެޅިއިރު، އޭގެ ތެރެއިން 19،000 އަށް ވުރެ ގިނަ ފޯމު އިއްޔެގެ ނިޔަލަށް ރަޖިސްޓްރީ ކޮށްދިފައިވާ ކަމަށް އެކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވަނީ ވިދާޅުވެފައެވެ. އަދި މިހާރު 27،000 އަށް ވުރެ ގިނަ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް އީސީން ކުރަމުންދާ ކަމަށް ހަބީބް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *