މަގުމައްޗަށް ނިކުމެވަޑަައިގަތީ އަލަށް ނޫން ކަމަށާއި, އާންމުން އެކަމަނާއަށް ފުރައްސާރަ ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ފަޒްނާ މިހެންވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް، ރައީސް ސޯލިހްގެ ކެންޕެއިނަށް އެކަމަނާ ހިޔާ ސަރަހައްދަށް މިއަދު ވަޑައިގަތުމުން، އެކަމާ ދެކޮޅަށް ހިޔާ ފްލެޓް ސަރަޙައްދުގައި މުޒާހަރާކުރުމާއި ގުޅިގެންނެވެ.
ފަޒްނާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަމަނާއަށް ފުރައްސާރަ ކުރި ދެ ފިރިހެނުންގެ ސަބަބުން އެކަމަނާއަށް ގެއްލުމަށްވުރެ ވީ ފައިދާ ބޮޑުކަމަށެވެ. އެ ހަޑިހުތުރު އަމަލުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކުން އައިސް އެކަމަނާއާއި ސަލާންކޮށް ގައިގަ ފިރުމާ ފޮޓޯ ނަގަން އެދުނު ކަމަށެވެ.
"މީހުން އައިސް ސަލާންކޮށް ގައިގަ ފިރުމާ އަޅުގަނޑާ އެކު ފޮޓޯނަގަން އެދުނީއެވެ. ނުވިތާކަށް އަޅުގަނޑު ދާން ޝެޑިއުލްކޮށްފައި ނުވާ ފްލެޓްތަކުންވެސް ދައުވަތު ލިބުނީއެވެ."
ފަޒްނާ އިތުރަށް ވިދާޅުވީ މި ދެ ފިރިހެނުން އެ ހަޑިހުތުރު އަމަލު ނުހިންގިނަމަ އެކަމަނާ އެ ސަރަޙައްދަށް ވަޑައިގެންނެވިކަން ގިނަ މީހުނަށް ނުވެސް އެނގުނީސް ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ފަޒްނާ ވިދާޅުވީ އެ އަމަލުގެ ސަބަބުން އެކަމަނާ ޖެހިލުންނުވި ނަމަވެސް މިއީ ސީރިއަސް މައްސަލައެއް ކަމަށެވެ.
އަދި އެކަމަނާ ވަނީ އެކަމަނާގެ ހާލު ބައްލަވަން ގުޅުއްވާ މެސެޖް ފޮނުއްވަމުން ގެންދަވާ ހުރިހާ ބޭފުޅުނަށް ޝުކުރު ވެސް އަދާކުރައްވާފައެވެ. އަދި ކެމްޕޭންގައި ސާބިތުވެ ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ވެސް ސަޕޯޓަރުންނަށް ވަނީ ދެެއްވާފައެެވެ.