ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނަކަށް ވޯޓުލުމަށް، ރީ ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާ ފުރުސަތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފިއެވެ.
އިލެކްޝަންސްގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، މިދިޔަ ހުކުރު ދުވަހުން ފެށިގެން ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވާ ފުރުސަތު މިއަދު ހަވީރު 4:00 އަށް ހަމަވެފައިވާ ކަމަށެވެ.
އެހެންނަމަވެސް ރީ ރަޖިސްޓްރީ ކުރުމުގައި އެމްޑީޕީން އޮޅުވާލުންތަކެއް އޮޅުވާލަމުންދާ ކަމަށް ބުނެ، އިދިކޮޅުން ވަނީ ރީ ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކުރަން ހުށަހަޅާފައެވެ. އިދިކޮޅުން އެގޮތަށް ހުށަހެޅީ ރީރަޖިސްޓްރޭޝަނަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށްފައެވެ.
އިންތިޚާބުގެ ދެވަނަ ބުރަށް ރީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް އިން ދީފައިވަނީ 3 ދުވަހުގެ މުއްދަތެކެވެ. އެއީ މިދިޔަ ހުކުރު ދުވަހުގެ މެންދުރުފަހު 03:00 އިން މިއަދު ހަވީރު 04:00 އާއި ހަމައަށެވެ.
ހުކުރު ދުވަހު އެކަނިވެސް 9206 މީހުން ފޯމް ހުށަހަޅާފައިވާކަމަށް ހަބީބް ވިދާޅުވިއެވެ. އަދި އޮންލައިންކޮށް އެކަނިވެސް 7267 މީހުން ފޯމް ހުށަހަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ހަބީބް ވިދާޅުވީ ދެވަނަ ބުރުގެ ވޯޓުލުމަށް މިހާތަނަށް 10271 މީހުން ރީ-ރަޖިސްޓަރީ ކޮށްދީފައިވާ ކަމަށެވެ.
އަދި އިލެކްޝަންސް އަށް އޮންލައިންކޮށް ހުށަހަޅާފައިވާ ފޯމުތަކުން ނުނިމި ހުރި ކަމަށް ދައްކާ ފޯމުތަކަކީ، އެ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ މުޅިން ނުނިމިހުރި ފޯމްތައް ކަމަށާއި ފޯމުތަކުގެ ސައްހަކަން ކަށަވަރުވިހާ އަވަހަކަށް، ރީ-ރަޖިސްޓަރީ ކުރެވުނުކަމުގެ މެސެޖް ލިބޭނެކަމަށް ހަބީބު ވިދާޅުވިއެވެ.