ޗައިނާއާމެދު ދޮގު ވާހަކަތައް ފަތުރާ މީހުންގެ މައްސަލަ ބަލައިދިނުމަށް ޗައިނާ އެމްބަސީން ދިވެހި ސަރުކާރުގައި އެދިއްޖެއެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައާއި އެ ނޫން ވެސް ގޮތް ގޮތުން، ޗައިނާއާ ގުޅުވައި އިތުބާރު ނުހިފޭ ދޮގު ޚަބަރު ފަތުރަމުން އަންނަކަމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ވަނީ ފާހަގަކޮށްފައެވެ.
ޗައިނާ އެމްބަސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް އެކުވެރި ގުޅުމަށް ހީނަރުކަން ލިބޭ ގޮތަށް، އެ ގައުމާ ދެކޮޅަށް ރާއްޖޭގެ ބައެއް ފަރާތްތަކުން ދޮގު ވާހަކަތަކެއް ފަތުރަމުންދާ ކަމަށެވެ.
ޗައިނާއިން އަބަދު ވެސް އަމަލުކުރާ އުސޫލަކީ އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބަސް ނުކިޔުންކަމަށާ އެ ގައުމުން ކޮށްދިން ކަމަކީ ރާއްޖޭގެ އިގްތިޞާދީ ހާލަތު ރަނގަޅުކޮށްދިނުމާއި އިޖްތިމާއީ ތަރައްގީއަށް އެހީތެރިވެދިނުން ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެ ކަންކަމުގެ ހެޔޮ އަސަރު ދިވެހިންނަށް ކުރަމުން އަންނަކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެއާއެކު ޗައިނާއާ ގުޅުވައި ފަތުރައި ދޮގު ޚަބަރުތައް ދިވެހިން ގަބޫލުނުކުރާނެކަން ޔަގީންކުރާކަމަށާއި އެ ފަދަ ދޮގު ޚަބަރާއި މައުލޫމާތު ފަތުރާ މައްސަލަތައް ތަހުގީގުކުރުމަށް ދިވެހި ސަރުކާރުގައި އެދިފައިވާނެކަމަށް ވެސް އެމްބަސީން ބުންޏެވެ. އަދި ދެ ގައުމުގެ އެކުވެރި ގުޅުން ހީނަރުކުރުމަށް ކުރާ މި ފަދަ މަސައްކަތްތައްވާނީ ނާކާމިޔާބު މަސައްކަތްތަކަކަށް ކަމަށް ވެސް ބަޔާނުގައިވެއެވެ.