ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ކުރީގެ ސްޕޯކްސްޕާސަން ޢަލީ އާރިފް އިސްތިއުފާ ދެއްވައިފިއެވެ.
މިއަދު ޖޭޕީން ބޭއްވި ކައުންސިލް ބައްދަލުވުމަށްފަހު ޢަލީ އާރިފް ވަނީ އެކަން އިއުލާނުކޮށްފައެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، ޖޭޕީން ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރަން މިއަދު ނިންމާފައެވެ.
ޖޭޕީން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރަން ނިންމީވެސް އެ ޕާޓީން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި ކައުންސިލުން ނިންމެވީ ވަކި ބައެއްގެ ފަހަތަށް އެރުމުގެ ބަދަލުގައި ސައިލެންޓްކޮށް ތިއްބެ އެ ޕާޓީ ކުރިއެރުވުމަށް މަސައްކަތް ކުރުމަށެވެ.
ޖޭޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޢަލީ އާރިފް ހަމަޖެއްސެވީ 2019 ވަނަ އަހަރުގެ އޮކްޓޯބަރ 24 ވަނަ ދުވަހުއެވެ.
އަލީ އާރިފަކީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ދެބެންގެ ދެ ދަރި ބޭފުޅެކެވެ.