އުތުރު ތިލަފަޅުގައި ތަރައްޤީ ކުރަމުންދާ "އެކަތަ" ބަނދަރަކީ އިންޑިއާގެ "މިލިޓަރީ ބޭސް" އެއް ކަމަށް ބުނެ ފަތުރަމުން ގެންދަނީ ޙަޤީޤަތާއި ހިލާފު ދޮގު ޚަބަރެއް ކަމަށް މިނިސްޓްރީ އޮފް ޑިފެންސުން ބުނެފިއެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި ދިވެހި ސިފައިންނާއ، ސިފައިންގެ މުއައްސަސާގެ އަގުވައްޓާލުމަށާއި އަދި ސިފައިންގެ ކުރިމަގުގެ ތަރައްޤީއަށް އުނިކަން އަންނަ ގޮތަށް ހަޤީގަތާ ޚިލާފު ޕްރޮޕެގެންޑާ ފަތުރަމުންދާކަން އެ މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ.
އުތުރު ތިލަފަޅުގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްޤީ ކުރަމުންދާ "އެކަތަ" ބަނދަރަކީ ދިވެހި ސިފައިންގެ ކޯސްޓްގާޑު އުޅަނދުފަހަރު އަޅާފައި ބޭއްވުމަށާއި، އަދި އެ އުޅަނދުފަހަރު މަރާމާތު ކުރުމަށްޓަކައި ތަރައްޤީ ކުރަމުންދާ ބަނދަރެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އުތުރު ތިލަފަޅާއި ގުޅޭގޮތުން ދިވެހި ސަރުކާރުން އިސްނަގައިގެން އިންޑިއާ ސަރުކާރާއި އެކު އެންމެ ފުރަތަމަ މަޝްވަރާ ކޮށްފައިވަނީ 2013 ވަނަ އަހަރު އޭރުގެ ދިފާއީ ވަޒީރު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އަދި އެ ދަތުރުފުޅުގައި އުތުރު ތިލަފަޅުގައި ބޮޑު އަސްކަރީ މަޝްރޫޢުއެއް ހިންގުމަށްޓަކައި އެ ސަރުކާރުގެ ތަސައްވުރާއި، ކޮންސެޕްޓް ޑިޒައިން އިންޑިއާ ސަރުކާރަށް ވަނީ ހުށަހަޅާފައެވެ. އަދި މީގެ އިތުރުން 2016 ވަނަ އަހަރު ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ސޮއިކުރެވުނު "އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން ބިޓްވީން ދަ މޯލްޑިވްސް އެންޑް އިންޑިއާ" ގައިވެސް، އިންޑިއާ ސަރުކާރާއި ގުޅިގެން އުތުރު ތިލަފަޅުގައި ބޮޑު އަސްކަރީ މަޝްރޫޢުއެއް ހިންގަން ވަނީ ނިންމާފައެވެ.
ކުރީ ސަރުކާރުން 2013 ވަނަ އަހަރު ހުށަހަޅާފައިވާ ބޮޑު އަސްކަރީ މަޝްރޫޢުގެ ސްކޯޕް ހަނިކޮށް، މި ސަރުކާރުން 2019 ވަނަ އަހަރު ވަނީ އުތުރު ތިލަފަޅުގައި ކޯސްޓްގާޑް އުޅަނދުފަހަރު އަޅާފައި ބާއްވާނެ ބަނދަރަކާއި އަދި އެ އުޅަނދުފަހަރު މަރާމާތުކުރާނެ ޑޮކްޔާޑެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖައްސާފައެވެ.
އަދި ބައެއް ފަރާތްތަކުން ގަސްދުގައި ފަތުރަމުންދާ ދޮގު ޚަބަރުތަކާއި ޚިލާފަށް "އެކަތަ" ބަނދަރާއި، އެ ބަނދަރުގައިވާ އެންމެހާ ވަސީލަތްތަކަކީ ދިވެހި ދައުލަތުގެ ފުރުހަމަ ބާރު ހިނގާ، ދިވެހިންގެ އަމިއްލަ މިލްކިއްޔާތެކެވެ. މި ބަނދަރުގައި އެހެން އެއްވެސް ޤައުމެއްގެ ސިފައިން ޤާއިމްވެ ނުތިބޭނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެފަދަ އެއްވެސް ކަމަކަށް މި ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ސިފައިންގެ މުއައްސަސާއަކީ ޤައުމުގެ އަމަންއަމާންކަމާއި ސިޔާދަތު ދިފާއުކުރުމުގެ އެންމެ ފަހު އައްޑަނަކަމަށާއި، މިފަދަ ސިޔާސީ ގޮތުން ހައްސާސް ދަނޑިވަޅެއްގައި، ސިފައިންގެ ތަރައްޤީއަށް ހިންގޭ މުހިންމު ކަންކަމަށް ހުރަސްއަޅައި ނަފުރަތު އުފެއްދުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުމަށް އެ ބަޔާނުގައި ވަނީ ގޮވާލާފއެވެ.
ދިވެހި ސިފައިންނާއި، ސިފައިންގެ އާއިލާތަކުގެ އަގުވައްޓާލުމަށާއި އަދި އެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ވެއްދުމަށް ސިޔާސީ ޕްރޮޕެގެންޑާ ފަތުރަމުން ދިޔުމަކީ އެ މިނިސްޓްރީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.