ލުބުނާންގައި ހިނގި ހަމަނުޖެހުމެއްގައި ފަލަސތީންގެ 6 މީހުން މަރުވެއްޖެއެވެ.

ބުދަ ދުވަހު ލުބުނާންގައި ހުންނަ ފަލަސްތީން ރެފިއުޖީ ކޭމްޕް، އައިންހިލްވޭގައި ހިނގި ހަމަނުޖެހުމުގައި 6 މީހަކު މަރުވުމުގެ އިތުރުން 13 މީހަކު ޒަހަމްވެފައިވާކަން ލުބުނާނުގައި ހަރަކާތްތެރިވާ ޕަލަސްތީންގެ ރެޑްކްރެސެންޓް ގޮފިން މައުލޫމާތުދެއެވެ.

ލުބުނާންގެ އުތުރުގައި ހުންނަ ފަލަސްތީނުންގެ އެންމެ ބޮޑު ކޭމްޕްކަމަށްވާ، 63000 މީހުން ދިރިއުޅޭ އައިންހިލްވޭ ކޭމްގައި ފާއިތުވި ހަފްތާއިން ފެށިގެން ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައެވެ.

މި ހަމަނުޖެހުންތަކުގެ އެއް ފަޅީގައި އޮތީ ފަލަސްތީނުގައި އިސްވެ ވެރިކަން ކުރާ ފަތަޙަ ޖަމާޢަތްކަމަށްވާއިރު އަނެއް ކޮޅުގައި އޮތީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންގެ ޖަމާޢަތްތަކެވެ. ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާޢަތުން މި ހަމަނުޖެހުންތަކުގައި ބައިވެރިވެފައި ނުވާ ކަމަށް ދިރާސާކުރާ ފަރާތްތަކުންނާއި ބޭރުގެ މީޑިއާ ތަކުން މައުލޫމާތުދެއެވެ.

ބުރާސްފަތި ދުވަހު ހިންގި މި ހަމަނުޖެހުންތައް ފެށިފަހުން ޖުމްލަ 15 މީހުން މަރުވެފައިވާކަމަށާއި އެތަކެއް ބަޔެއް ޒަހަމްވެފައިވާކަންވެސް ފަލަސްތީނުގެ ރެޑްކްރެސެންޓުން މައުލޫމާތުދެއެވެ.

ފަލަސްތީނުގެ އިސް އޮފިޝަލުން ކަމަށްވާ ފަތަހަ ގްރޫޕްގެ އައްޒާމް އަލް އަހުމަދާއި ހަމާސް ގްރޫޕްގެ މޫސާ އަބޫ މަރްޒުކް ވަނީ އަންގާރަ ދުވަހުގެ ރޭ ބެއިރޫތުގައި ހުންނަ ފަލަސްތީނުގެ އެމްބަސީގައި ބައްދަލު ކުރައްވާފައި ކަމަށް މީޑިއާތަކުން ރިޕޯޓްކުރެއެވެ. މި ދެ ފަރާތުންވެސް ވަނީ ހަނގުރާމަ ހުއްޓާލަން ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް ގިނަ ވައުދުތަކެއް ވެފައެވެ.

ނަމަވެސް ހަމަނުޖެހުންތަކުގެ ހާލަތު ބުދަ ދުވަހު ވަނީ އިތުރަށް ގޯސްވެފައެވެ. ބައިނަލްއަގްވާމީ ނިއުސް އެޖެންސީ، އޭއެފްޕީގެ މުވައްޒަފަކު ރިޕޯޓްކުރި ގޮތުގައި އެދުވަހު ހަވީރު ހިނގި އަނިޔާވެރި ހަމަނުޖެހުންތަކުގެ ސަބަބުން ކޭމްޕަށް ދާ މައި މަގުވެސް ވަނީ ބަންދުކޮށްފައެވެ.

އައިންހިލްވޭ ކޭމްޕަކީ 1948 ވަނަ އަހަރު އިސްރާއީލުގެ ދައުލަތް ގާއިމްކުރުމާއެކު ހިނގި ހަނގުރާމައިގެ ތެރޭގައި ފިލައިގެން ދިޔަ ފަލަސްތީނުން މީހުންނަށް ހާއްސަ ކުރެވިފައިވާ ރެފިއުޖީ ކޭމްޕެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *