ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް، ރީ-ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފަރާތްތަކުގެ ފޯމު ތަކުގެ ތެރެއިން އެއްފަހަރާ ގިނަ އަދަދަކަށް ހުށަހަޅާ ފޯމުތަަކުގެ ސައްހަކަން ކަށަވަރު ކުރުމަށް އެ ފަރާތްތަކާއި ގުޅުމަށް އިލެކްޝަންސް ކޮމިޝަންއިން ނިންމައިފިއެވެ.
އެ ކޮމިޝަނުން ބުނީ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން، އިލެކްޝަންސް ކޮމިޝަންގެ ފޯނު ނަންބަރަކުން، ފޯމު ހުށަހަޅާ ފަރާތްތަކަށް ގުޅާނެ ކަމަށާއި ސައްހަ ނޫން ފޯމެއް ހުށަހަޅައިފިނަމަ، އެ ފޯމެއް ހުށަހެޅި ފަރާތަކާ މެދު ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި އެއްވެ ސް މީހެއްގެ ވޯޓުލުމުގެ ހައްގަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފައެވެ.
އިލެކްޝަންސް އިން ބުނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރީ ރަޖިސްޓަރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައި ވަނީ ހުކުރު ދުވަހުގެ މެންދުރުފަހު 03:00 އިން ފެށިގެން އާދީއްތަ ދުވަހުގެ މެންދުރުފަހު 04:00 ގެ ނިޔަލަށްކަމަށެވެ.
މީގެ އިތުރުން އިލެކްޝަންސް އިން ބުނީ ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި ސިޓީ ކައުންސިލްތަކުގެ އަވަށްތަކުގެ އޮފީސްތަކުން ކަމަށެވެ. އަދި ކޮމިޝަނުން ބުނީ ރީ-ރަޖިސްޓްރީވުމަށް އެދޭ ފޯމު އެކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށެވެ.
ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާ އިރު ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެކަަމަށް އިލެކްޝަންސް އިން މައުލޫމާތުދެއެވެ.