މުޢިއްޒު ވެރިކަމަށް އަޔަސް އޮންނާނީ އިންޑިއާ ފަސްޓް ޕޮލިސީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ މީޑިއާއަކަށް މުޢިއްޒު ދެއްވި އިންޓަވިއުއެއްގައި "އިންޑިއާ ފަސްޓް ޕޮލިސީ" ގެ ވާހަކަ ދައްކަވާފައި ވާތީ އެކަމަށް އިޝާރާތްކުރައްވައެވެ.
ސޯޝަލް މީޑިއާގައި އާންމު ކުރެއްވި މެސެޖެއްގައި ރޮޒައިނާ ތުހުމަތުކުރެއްވި ގޮތުގައި "އިންޑިއާ އައުޓް"ގެ ނަމުގައި ޕީޕީއެެމް/ޕީއެންސީން ހިންގި ކެންޕެއިނަކީ މިސަރުކާރާ ދެކޮޅަަށް ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދަން ހިންގި ކެންޕެއިނެކެވެ. އޭގެ ނަތީޖާއަކީ އިންޑިއާ ރައްޔިތުންނާ ދިވެހިންނާ ދޭތެރޭ އޮތް ޒަމާންވީ ރަހުމަތްތެރިކަން ނަފުރަތަށް ބަދަލުވެ، އެތައް ބައެއްގެ ހިތުގައި ބިރުވެރިކަން އުފެދުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އަދި ހަމައެޔާއެކު ރާއްޖޭގެ މިނިވަންކަމަށް ބުރުލެއް އަރައިފާނެ އެއްވެސް ކަމެއް އަވަށްޓެރި އިންޑިއާއިން ނުކުރާނެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒާއި ޕީޕީއެމް/ޕީއެެންސީގެ އިސް ބޭފުޅުންނަށް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ފާއިތުވި ފަސް އަހަރު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިންތިޒާމުކޮށްގެން އެންމެ ބޮޑަށް ހިންގި ކެންޕެއިންނަކީ "އިންޑިއާ އައުޓް" ކެންޕެއިންއެވެ.
ނަމަވެސް މި ރިޔާސީ އިންތިޚާބުގެ ކެންޕެއިންތެރެއިން ޑރ. މުއޢިއްޒު އާއި މީޑިއާއަކުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. މުޢިއްޒު ވިދާޅުވީ އިންޑިއާ އަކީ ހާރިޖީ ސިޔާސަތުގައި ރާއްޖެ އާއި ޒަމާނުއްސުރެ އެންމެ ގާތް، އެންމެ އިސްކަންދޭ ޕޮލިސީ ކަމަށެވެ. އަދި "އިންޑިއާ ފަސްޓް ޕޮލިސީ" ގެ ގޮތުގައި މުޢިއްޒު ވަނީ ސިފަކުރައްވާފައެވެ.
ނަމަވެސް "އިންޑިއާ އައުޓް" ކެންޕެއިންގެ ދަށުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ އިންޑިއާއިން ރާއްޖޭގެ މިނިވަންކަމަށް ގެއްލުންވާ ގޮތަށް ކަންތައްތައް ކުރަމުން އަންނަ ކަމަށް ތުހުމަތުތައް ކޮށްފައެވެ.