ރައީސް ނަޝީދު

ޑިމޮކްރެޓިކް އުސޫލުތައް ދިވެހިން ބަލައިގަނެފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރމުގެ ގޮތުން ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖެ ޑިމޮކްރެޓިކް ހަޔާތެއްގައި ވެރިކަން ކުރަމުންދާތާ މިހާރު ވިއްސަކަށް އަހަރުވަނީ ކަމަށެވެ. އަދި 2008 ވަނަ އަހަރުގެ ޤާނޫނުޢަސާސީގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ދިވެހިން ބަލައިގަނެފިކަމަށެވެ.

އަދި އެ ނިޒާމުގެ ދަށުން އެކި އެކި އިންތިޚާބުތައް ދަނީ ބާއްވަމުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެ ނިޒާމުގެ ދަށުން 4 ފަހަރަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅުން އައްޔަން ކުރެފިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތަކާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތައްވެސް އަންނަނީ ބާއްވަމުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޑިމިކްރެސީ މުހިންމުވެގެންދަނީ، ޑިމޮކްރެޓިކް ވެރިކަމެއްގެ ތެރެއިން ރައްޔިތުންނަށް ލިބެން އޮންނަ ތަނަވަސްކަމުގެ ސަބަބުން ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެހެންކަމުން މާ ބޮޑުތަނުން ދިވެހިން ޑިމޮކްރެޓިކް އުސޫލުތައް ބަލައިގަނެފިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިން ޑިމޮކްރެޓިކް އުސޫލުތައް ބަލައިގަނެ، އެ އުސޫލުތަކާއިއެކު ކުރިއަށްދާން ފެށުމުން ދައުލަތުގެ އާމުދަނީ އާމުދަނީ ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. 2007 ވަނަ އަހަރު ދައުލަތުގެ އާމުދަނީގައި 7 ބިލިޔަން ހުރިއިރު މިއަދު ދައުލަތުގެ އާމުދަނީ 30 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ކިތައްމެ ޚިދުމަތްތަކެއް ދައުލަތުން ރައްޔިތުންނަށް އެބަ ފޯރުކޮށްދެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މީގެ އިތުރުން ތަނަވަސް ރައްޔިތަކު އުފެދިގެން އަންނަކަމަށް ރައިސް ނަޝީދު ވިދާޅުވިއެވެ.

އަދި މި ޑިމޮކްރެޓިކް ނިޒާމު ހިފެހެއްޓުމަށްޓަކައި މުހިންމު ތިން ހަތަރު ކަމެއް ހިފަހައްޓަވަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ހާއްސަގޮތެއްގައި އިންތިޚާބުތަކަކީ މިނިވަން، ދެފުއް ފެންނަ ގޮތަށް ބޭއްވޭ އިންތިޚާބުތަކަށް ވާންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ވަސީލަތްތައް އެއެވެސް ބޭފުޅަކު އިންތިޚާބުތަކުގައި ބޭނުން ނުކުރުމާއި، ސަރުކާރުގެ މަޤާމާއި ނުފޫޒު އިންތިޚާބަށް ބޭނުން ނުކުރުމާއި، ސަރުކާރުން ހިންގާ އެކި ބާވަތްތަކުގެ ޕްރޮޖެކްޓްތަކަކީވެސް އިންތިޚާބަށް ހިންގާ ޕްރޮޖެކްޓުތަކަށް ނުވުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންސާފުވެރި އިންތިޚާބާއި، ސަރުކާރު ޖަވާބުދާރީ ކުރުމަކީ ޑިމޮކްރެޓިކް އުސޫލުތަކުގައި ހިމެނޭ މުހިންމު 2 ކަމެއް ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ހުއްޓިފައި އޮތީ ރައްޔިތުންގެ މަޖިލީހުން އެކަނި ނޫންކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މީޑިއާގައިވެސް ސަރުކާރު ޖަވާބުދާރީ ކުރުވުން އޮތީ ހުއްޓުމަކަށް އައިސްފައި ކަމަށެވެ.

އެހެންކަމުން މީޑިއާގެ މިނިވަންކަމާއި ރައްޔިތުން މަޖިލީހުގެ މިނިވަންކަމަކީ ކޮންމެހެންވެސް ޑިމޮކްރެސީ އަކަށް ކޮންމެހެންވެސް މުހިންމު 2 ކަންކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ފަދަ ދުވަސްތަކުގައި އަޒުމު ކަނޑަ އަޅުއްވަންވީ ކުރިއަށް އޮތް ތަނުގައި މާބޮޑަށްވެސް މިފަދަ ކަންކަން ރަނގަޅުކުރައްވަމުން ގެންދެވުމަށް ކަމަށެވެ.

ޑިމޮކްރެޓިކް ނިޒާމެއްގެ ތިންވަނަ ނުކުތާއަކީ ޝަރީއަތްކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އިންސާފުވެރި ޝަރީއަތެއް ހިންގިގެން ނޫނީ ޑިމޮކްރެޓިކް ނިޒާމެއް ނުލިބޭނެ ކަމަށެވެ.

ރައީސް ނަޝީދު ވާހަކަފުޅު ނިންމާލަމުން ވިދާޅުވީ މިފަހަރުގެ ޑޮމޮކްރެސީ ދުވަސް ގުޅިފައި މި އޮތީ ކުރިއަށް ދެން އަންނަން އޮތް ޖީލި ބާރުވެރި ކުރުވުމާއި ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *