ޑިމޮކްރެޓްސްގެ ހުށަހެޅުމަކީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން މި މަހު 25 ގައި ނިޒާމީ ވޯޓަކަށް ދިޔުން ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ރޭ ސޯޝަލް މީޑިއާގައި އާންމު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދެވަނަ ބުރުގެ ކުރިން ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ރައްޔިތުންނަށް ދޭންޖެހޭ ކަމަށް އޭނާ ދެކިވަޑައިގަންނަވާ ކަމަށެވެ.
ދެވަނަ ބުރުގެ ކުރީގައި ވެރިކަމުގެ ނިޒާމާއި ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ރައްޔިތުންނަށް ދޭން ޖެހޭ ކަމަށް ދެކެން.
— Ilyas Labeeb 🎈 (@ilyas_labeeb) September 14, 2023
އިލްޔާސްގެ ރަނިންމޭޓް، އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވަނީ އިލްޔާސްގެ މި މެސެޖަށް ތާއީދުކުރައްވާ، ސޯޝަލް މީޑިއާގައި އޭނާގެ ޚިޔާލު ފާޅޫކުރައްވާފައެވެ.
މި މަހު 25 ގަ ރައްޔިތުންނަށް ނިޒާމާ ގުޅޭ ގޮތުން ބަސްބުނަން ފުރުސަތު ދިނުން.
އަދި އޭގެ ފަހުން 30 ވަނަ ދުވަހު 2 ވަނަ ބުރުގެ ވޯޓު ލުން.
ނިޒާމަށް ބަދަލު ގެންނަން ފެނިއްޖެ ނަމަ 30 ވަނަ ދުވަހު ހޮވޭ ރައީސް އަކީ ބަރުލަމާނީ ނިޒާމެއްގެ ރައީސުލް ޖުމްހޫރިއްޔާ.— Amr 🎈 (@HusenAmr) September 15, 2023
އަމްރު ވިދާޅުވީ މި މަހުގެ 25 ގައި ރައްޔިތުންނަށް ނިޒާމާ ގުޅޭ ގޮތުން ބަސްބުނުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ. އަދި އެއަށްފަހު މި މަހުގެ 30 ވަނަ ދުވަހު ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް އަމްރު ވަނީ އެދިލައްވާފައެވެ.
މީގެ އިތުރުން އަމްރު ވިދާޅުވީ ނިޒާމަށް ބަދަލުގެންނަން ރައްޔިތުން ނިންމައިފިނަމަ، މި މަހުގެ 30 ވަނަ ދުވަހު ހޮވޭ ރައީސަކު ވެގެންދާނީ ބަރުލަމާނީ ނިޒާމުގެ ފުރަތަމަ ރައީސް ކަމަށެވެ.
ސޯޝަލް މީޑިއާގައި ޚިޔާތުތައް ފާޅުކުރައްވަމުން ގެންދަވާއިރު، އިލްޔާސް ވަނީ ނޮވެމްބަރު މަހު 30ގެ ކުރިން ނިޒާމް ބަދަލުކުރުމާ ގުޅޭ ގަރާރެއް ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމަކީ އެމްޑީޕީގެ ކުރީގެ ރައީސް އަދި މިހާރު ޑިމޮކްރެޓްސްގައި އިސްކޮށް މަސައްކަތްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަބަދުވެސް ވަކާލާތުކުރައްވާ ކަމެކެވެ.