ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައާ ގުޅޭ މުހިންމު ނިންމެވުންތަކެއް ރައީސް ނިންމަވައިފިއެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން މެޑިކަލް އޮފިސަރުންނާއި ނަރުހުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކުގެ އިތުރުން ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތްދެވޭނެ މިންގަނޑާ ގުޅޭގޮތުން ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުން ހުށަހަޅާފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްފަހު ކަމާބެހޭ އިދާރާތަކާ ގުޅިގެން މި މައްސަލަތައް ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވަނީ މުހިންމު ނިންމެވުންތަކެއް ނިންމަވާފައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިޢުވާން މުހައްމަދު ވަނީ މައުލޫމާތުދީފައެވެ.

މިޢުވާން ވިދާޅުވީ ރައީސް މި ނިންމެވުންތައް ނިންމަވާފައިވަނީ، މި މައްސަލަތަކާއި ގުޅިގެން ރައްޔިތުންނަށް ހިދުމަތްކުރުމުގެ މުހިންމު މަސައްކަތްތަކުގައި އުޅުއްވާ ޑޮކްޓަރުން، ނަރުހުން، ޓީޗަރުންނަށް ދަތިތަކެއް ކުރިމަތިވަމުންދާކަން އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވޭތީއެވެ. އަދި ރައީސް މި ނިންމެވުން ނިންމެވީ މުވައްޒަފުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ރިޢާޔަތްކުރެއްވުމަށަފަހު، އެ ދާއިރާތަކުގެ އެކި ބޭފުޅުންނާއި މަޝްވަރާކުރެއްވުމަށްފަހު ކަމަށް މިޢުވާން ވިދާޅުވިއެވެ.

އެގޮތުން ގެނެވުނު ބަދަލުތަކުގެތެރޭގައި، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރުމުން މެޑިކަލް އޮފިސަރުންނަށް އެޓެންޑެންސް އެލަވަންސް ނުލިބޭގޮތަށް އޮތް އޮތުން ބަދަލުކޮށް މެޑިކަލް އޮފިސަރުންނަށް މި އެލަވަންސް ލިބޭގޮތަށް ވަނީ ނިންމާފައެވެ.

އަދި މީގެ އިތުރުން ނަރުހުންގެ މުސާރައަށް ގެނެވުނު ބަދަލާއި ގުޅިގެން އައިޖީއެމްއެޗްގެ ނަރުހުންގެ ފަރާތުން ލިބިފައިވާ ޕެޓިޝަން ދިރާސާކުރެއްވުމަށްފަހު އެ މައްސަލަތަކަށްވެސް ރައީސް ވަނީ ހައްލު ހޯއްދަވައިދެއްވާފައެވެ. އެގޮތުން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާނަމަ އެޓެންޑެންސް އެލަވަންސް ލިބޭގޮތަށް ހަމަޖެއްސުމާއި، ސިއްހީ ފަރުވާދޭ ތަންތަނުގައި މަސައްކަތްކުރާ ނަން-ކްލިނިކަލް ނަރުހުން، ކްލިނިކަލް ނަރުހުންނަށް ބަދަލުކުރުމަށްވެސް ވަނީ ނިންމާފައެވެ.

އަދި މީގެ އިތުރުން މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އައު އޮނިގަނޑުގެ ދަށުން މަގާން ދައްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މައްސޫލިއްޔަތަށް ބަދަލު ނާންނަ ނަރުހުންގެ މަގާމު ދަށްނުކުރުމަށްވެސް ވަނީ ނިްނމާފައެވެ.

އަދި ހަމައެޔާއެކު 2018 ގައި ގްރޭސް ޕީރިއަޑް ދީފައިވާ ނަރުހުންގެ ގްރޭސް ޕީރިއަޑް 2026 އަށް އިތުރުކުރުމަށާއި، އައު އޮނިގަނޑުގެ ދަށުންހިޖުރަކުރުމުގައި މައްސަލަ ދިމާވެފައިވާ 9 ނަރުހެއްގެ މައްސަލަ ހައްލުކުރުމަށްވެސް ވަނީ ނިްނމާފައެވެ.

އަދި މީގެ އިތުން މަސައްކަތުގެ ތަޖުރިބާއަށް ބަލައި އައު އޮނިގަނޑުގެ ދަށުން މަގާން ދައްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މައްސޫލިއްޔަތަށް ބަދަލު ނާންނަ ނަރުހުންގެ މަގާމު ދަށްނުކޮށް ކުރިންތިބި މަގާމުގައި ބޭތިއްބުމަށް އުސީލަށް ގެންނަންޖެހޭ ބަދަލު ޕޭ ކޮމިޝަނުން ގެންނެވުމުން އެ ނަރުހުންނަށް އިތުރަށް ކިޔެވުމުގެ ޝަރުތު ކުރުމަށްފަހު ކުރިންތިބި މަގާނަށް ބަދަލުކުރަން ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން 1 މޭ 2022 ގައި އަމަލުކުރަންފަށާފައިވާ ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތްދެ މިންގަނަޑާ ގުޅޭގޮތުން ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންނާއި ޓީޗަރުންގެ ތެރެއިން 862 މުވައްޒަފުންގެ ސޮޔާއެކު ހުށަހަޅާފައިވާ ޕެޓިޝަން ރައީސް އޮފީހުން ދިރާސާކުރުމަށްފަހު ފިނޭންސް މިނިސްޓްރީއއި މަޝްވަރާކުރެއްވުމަށްފަހު އެ އޮނިގަނޑަށް ބަދަލުގެންނަވަން ވަނީ ނިންމަވާފައެވެ.

އެގޮތުން ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދޭނެ މިންގަނޑުގެ 7 ވަނަ މާއްދާގެ (ހ) ގައި އެއްވެސް މުވައްޒަފެއް ޕޭ ފްރޭމްވޯކަށް ހިޖުރަކުރާ ތާރީހުން ފެށިގެން ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތްދޭން ޖެހޭނަމަ އެ މުވައްޒަފަކަށް ލިބޭ އިނާޔަތް އިހްތިޔާރުކުރުމުގެ ފުރުސަތު އޮންނާނެކަމަށް ބަޔާންކޮށްފައިވާތީ، އެ މާއްދާގައި ބަޔާންކުރާ މުއްދަތު 2024ގެ ޖަނަވަރީގެ ނިޔަލަށް އިތުރުކޮށްދެއްވުމަށް ވަނީ ނިންމާފައެވެ.

ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން، މި ބަދަލުތައް ގެނައުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް ނެޝަނަލް ޕޭ ކޮމިޝަނާއި، ސިވިލް ސާވިސް ކޮމިޝަނަށް ރައީސް އޮފީހުން ވަނީ މިއަދު އަންގާފައެވެ.

ރައީސްގެ މި ނިންމެވުންތަކާއިއެކު ނަރުހުންނާއި، ޑޮކްޓަރުން އަދި ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް މިޢުވާން ވިދާޅުވިއެވެ.

1
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *