ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބޭއްވުމަށް 44 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ވަނީ ރިޔާސީ އިންތިހާބަށް ބަޖެޓެއް ފާސްކޮށްދީފައި ކަމަށާއި ނަމަވެސް އެ ބަޖެޓަކީ ދެވަނަ ބުރަކަށް ބޭނުންވާ ވަރަށް ފައިސާ ހުރި ބަޖެޓެއް ނޫން ކަމަށެވެ.
އެ ބަޖެޓަށް ގާތްގަނޑަކަށް 44 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ހަބީބް ވިދާޅުވިއެވެ. އެ ބަޖެޓް ހޯދުމަށްޓަކައި މާދަމާ ފިނޭންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާނެ ކަމަށް ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ އޮފިޝަލުންނާއި ވޯޓު ކަރުދާހުގެ ކަންތައްތަކަށް ބޮޑު ހަރަދެއް ކުރަން ޖެހޭތީ އެ ބަޖެޓު ނުލިބި ދެވަނަ ބުރުގެ މަސައްކަތް ނުކުރެވޭނެ ކަމަށެވެ.