ސަރުކާރު ދިފާއުކޮށް ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަމަށް އިއުލާނު ކުރަން އަންގާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިސްވެރިންނަށް ސަރުކާރުން އެންގި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ސަރުކާރުން އަންގާފައި ނުވާ ކަމަށެވެ. އަދި އެފަދަ ބައްދަލުވުމެއް ބާއްވަން ނިންމާފައި ވެސް ނުވާކަމަށެވެ.
ސިފައިން އަބަދުވެސް ތިބޭނީ ގާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބާ އަދި ސިފައިންގެ ކޯޑް އޮފް އެތިކްސް އާއި އެއްގޮތަށް އަމަލު ކުރާ ބައެއްގެ ގޮތުގައި ކަމަށް އެމްއެންޑީއެފްގެ ބަޔާނުގައި ވަނީ ބުނެފައެވެ.
މި ބަޔާނުގައި ވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ދިފާއުކޮށް ރައްކާތެރި ކުރުމުގައި ސިފައިން އަބަދުވެސް ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން އަރުވާފައެވެ.