ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާގައި ރީކޯ މޫސާ މަނިކު

މާލޭ ރައްޔިތުންނަށް މި ސަރުކާރުން ދޫކުރި ގޯތިތައް އަނބުރާ އަތުލަން ނުކުންނަ ހިސާބުން މައްސަލަ ގޯސްވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ ވިދާޅުވީ އެއްވެސް ސަރުކާރަކަށް މީގެ ކުރިން މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޙައްލު ހޯދައިދެވިފައި ނުވާ ކަމަށެވެ. އެހެން ކަމުން އެހެން ސަރުކާރެއް އުފެދިއްޖެ ހާލަތެއްގައި މާލޭ ރައްޔިތުންނަށް މި ސަރުކާރުން ދީފައިވާ ގޯތި އަނބުރާ އަތުލުމަށް ނިކުމެއްޖެ ނަމަ މައްސަލަ ގޯސްވާނެ ކަމަށެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ވެރިކަންކުރާ މާލޭ ސިޓީން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ މައްޗަށް އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުރި ހޯއްދަވާފައެވެ.

މި ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން 5000 ގޯތި، ގުޅިފަޅުން 2200 އަށްވުރެ ގިނަ ގޯތި އަދި ހުޅުމާލެ ދެވަނަ ފިޔަވަހިން 1300 އަށްވުރެ ގިނަ ގޯތި ވަނީ ދޫކޮށްފައެވެ.

ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވި ހުރިހާ ފަރާތްތަކަށް ގޯތިދޭން މި ސަރުކާރުން ވަނީ ނިންމާފައެވެ.

އެހެން ނަމަވެސް އިންތިޚާބުގައި މާލޭ ސިޓީން ރައީސް ސޯލިހް އަށް ލިބިވަޑައިގަތީ 13700 ވޯޓެވެ. އަދި އިދިކޮޅު ކެންޑިޑޭޓު ޑރ. މުޢިއްޒު ވަނީ 17100 ވޯޓު ހޯއްދަވާފައިވެއެވެ.

ރިޔާސީ އިންތިޚާބުގެ ކެންޕެއިންތެރޭގައި ގިނަބަޔަކު ގެންދިޔައީ މުޢިއްޒުގެ ސަރުކާރެއް އައިސްފިނަމަ މާލެ ސަރަޙައްދުން ދޫކޮށްފައިވާ ގޯތިތައް އަނބުރާ އަތުލައްވާނަންތޯ ސުވާލު އުފައްދަވަމުންނެވެ. މި ސުވާލުތަކަށް ޑރ. މުޢިއްޒު ދެއްވި ޖަވާބަކީ އެ ބޭފުޅާގެ ސަރުކާރެއްގައި އެއްވެސް ފަރާތަކަށް ލިބިފައިވާ ގޯތި އަތުނުލައްވާނެ ކަމަށާއި، މި ސަރުކާރުން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރުމުގައިވެސް އެހީތެރިކަން ފޯރުކޮށްދެއްވާނަން ކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ހުޅުވާލި ފުރުސަތުގައި ޝަރުޠު ހަމަވި 19639 މީހުންނަށް މި ސަރުކާރުން ދޫކުރި ގޯތި ވަނީ ލިބިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *