ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ހާނިއާ އޮޕަރޭޝަނެއް ކޮށްފިއެވެ.
މި އޮޕަރޭޝަން އަކީ ސާޖަރީ އާއި އެޑްވާންސް ވޫންޑް ކެއާ އައުޓްރީޗް ޕްރޮގްރާމް ފެށުމުގެ ގޮތުން އިއްޔެ ކުރި އޮޕަރޭޝަނެއް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 އިން 12 ގެ ނިޔަލަށެވެ.
ސާޖަރީ ޑިޕާޓްމަންޓްގެ ހެޑް އޮފް ޖެނެރަލް، ތަޖުރިބާކާރު ލެޕްރޮސްކޯޕިކް ސާޖަން ޑރ. އަބްދުﷲ އުބައިދު އިސްކޮށް ހުންނަވާ ކުރިއަށް ގެންދާ ސާޖަރީ އައުޓްރީޗް ޕްރޮގްރާމްގައި، އައިޖީއެމް ހޮސްޕިޓަލުގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރު އަދި ހެޑް އޮފް ސާޖަރީ ޑިޕާޓްމެންޓް ޑރ. މުހައްމަދު ވަހީދުގެ އިތުރުން އައިޖީއެމް ހޮސްޕިޓަލް އަދި ކޭއާރުއެޗު ގެ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވެއެވެ.
ލެޕްރޮސްކޯޕިކް ސާޖަރީއާއި އެޑްވާންސް ވުންޑްކެއަރ އައުޓްރީޗް ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދުގެ ފުރަތަމަ ކޭސްގެ ގޮތުގައި ކުރެވުނު ލެޕްރޮސްކޯޕިކް ހާނިއާ އޮޕަރޭޝަނަކީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ކުރެވުނު މިފަދަ ފުރަތަމަ އޮޕަރޭޝަން. ތަޖުރިބާކާރު ލެޕްރޮސްކޯޕިކް ސާރޖަން،… pic.twitter.com/lTkzPiKc3A
— Kulhudhuffushi Regional Hospital (@KRHmv) September 10, 2023
މި އޮޕަރޭޝަނަކީ އެ ހޮސްޕިޓަލުގައި ކުރެވުނު މިފަދަ ފުރަތަމަ އޮޕަރޭޝަނަށް ކަމަށް ވުމުން، އޮޕަރޭޝަން ފެށުމުގެ ކުރިން އައިޖީއެމް ހޮސްޕިޓަލުގެ ޓީމަކުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޓީމާއިއެކު މުހިންމު ބްރީފިން ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން، މުހިންމު ޞިއްޙީ ހިދުމަތްތައް ތައާރަފް ކުރަމުންދާއިރު، ދާދި ފަހުން އެ ހޮސްޕިޓަލުން ވަނީ ކެންސަރު ބައްޔަށް ފަރުވާ ކުރާ ކީމޯ ތެރަޕީގެ ހިދުމަތް ވެސް ދޭން ފަށާފައެވެ.
ޓާޝަރީ ފެންވަރަކަށް އިމާރާތް ކޮށްފައިވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ 150 އެނދުގެ، ސްޕާ ސްޕެޝަލްޓީ ހިދުމަތްތައް ގާއިމު ކޮށްފައިވާ ފެންވަރު ރަނގަޅު ހޮސްޕިޓަލެކެވެ.