ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ކުރިއަށްދިޔައީ ވަރަށް އަމާންކޮށް ކަމަށް، މިއިންތިޚާބު އޮބްޒާވްކުރި ކޮމަންވެލްތު ގްރޫޕުން ބުނެފިއެވެ.
އިންތިޚާބު އޮބްޒާވްކުރި ކޮމަންވެލްތުގެ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝީޝެލްސްގެ ކުރީގެ ރައީސް އަދި އިންތިޚާބުގައި ކޮމަންވެލްތު އޮބްސާވާ ގްރޫޕްގެ ޗެއާކަން ކުރެއްވި ޑެނީފޯ ވިދާޅުވީ، އިންތިޚާބު އޮބްޒާވްކޮށްފައިވަނީ ނޭޝަނަލް ކޮމަންވެލްތު އުސޫލާއި އެއްގޮތަށްކަމަށެވެ.
ޑެނީފޯ ވިދާޅުވީ، ހޮނިހިރު ދުވަހުގެ އިންތިޚާބުގެ ވޯޓުލުން ހުރިހާ މަރުކަޒުތަކެއްގައިވެސް ގަޑިއަށް ފެށިކަމަށާއި ވޯޓުލާ މަރުކަޒުތަކުގައި ތިބި ވެރިންވެސް ވަނީ ވަރަށް ބޮޑަށް އެކަމަށް ތައްޔާރުވެފައި ކަމަށެވެ.
މީގެ އިތުރުން ވޯޓުލުމަށް އައި މާބަނޑު އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަވަސްކަމާއިއެކު ވޯޓުލުމުގެ މަގު ފަހިކޮށްދީ އެހީތެރިކަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ކޮމަންވެލްތު ގްރޫޕުން ވަނީ ފާހަގަކޮށްފައެވެ. އަދި ލޯފަން މީހުންނަށް ފުރަތަމަ ފަހަރަށް އަމިއްލަ އިޚްތިޔާރުގައި ވޯޓުލުމުގެ ހައްޤު ލިބިގެންދިޔަކަންވެސް ކޮމަންވެލްތުން ވަނީ ފާހަގަކޮށްފައެވެ.
ވޯޓުލުން ކުރިއަށްދިޔައީ އަމާންކޮށް ނަމަވެސް ރަނގަޅުކުރަންޖެހޭ ބައެއް ކަންކަން ހުރިކަން ކޮމަންވެލްތް އޮބްޒާވަރުންގެ ޓީމުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޑެނީފޯ ވިދާޅުވީ ވޯޓުލާ ބޫތު މަންދޫބުންނާއި އޮބްޒާވަރުންނާ މާކައިރީގައި ހުރުމުން ވޯޓުގެ ސިއްރު ހިފެހެއްޓުމަށް ދަތިވި ކަމަށެވެ.
އަދި މީގެ އިތުރުން ބާތިލު ވޯޓު ގިނަކަންވެސް އޭނާވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މިކަމަށް އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމަށް ޑެނީފޯވަނީ ވަނީ އިލެކްޝަންސް އަށް ގޮވާލާފައެވެ.
އިންތިޚާބު އޮބްޒާވް ކުރުމަށް ކޮމަންވެލްތު ގްރޫޕްގެ 11 އޮބްޒާވަރުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެފައެވެ.