ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައި ސޮއި ކުރެއްވި ގިނަ މެންބަރުން ސޮއި އަނބުރާ ގެންދެވުމުން އެ މައްސަލަ މަޖިލީހުން ބޭރުކޮށްލާ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އީވާ އަބުދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރަށް ސޮއި ކުރެއްވި ގިނަ މެންބަރުން ސޮއި އަނބުރާ ގެންދެވުމާއި ގުޅިގެން މިހާރު އެ ދެ މައްސަލަވެސް ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.
ރައީސް ނަޝީދުގެ މައްސަލަ އަނބުރާ ގެންދަން އިއްޔެ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާފައިވަނިކޮށް މިއަދުގެ ޖަލްސާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެއްޓެވީ އެ މައްސަލައިގައި ސޮއި ގެންދެވީ 25 މެންބަރުން ކަމަށް ވިދާޅުވެ، 22 މެންބަރުންގެ ސޮއި އޮތުމުން މައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށް ވިދާޅުވެއެވެ.
އަދި އެ މައްސަލަ ކުރިޔަށް ގެންދެވުމަށް މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އާއި ހަވާލުކުރެއްވުމަށްފަހު ނަޝީދު ވަނީ ޗެމްބަރުން ނިކުމެވަޑައިގެންފައެވެ.
ޖަލްސާ ކުރިޔަށް ގެންދަވަމުން އަފީފު ވަނީ މަޝްވަރާކުރުމަށް މަޖިލީސް ކުޑަވަގުތު ކޮޅަކަށް މެދު ކަނޑާލައްވާފައެވެ. ހުސްވަގުތުކޮޅަށްފަހު ޖަލްސާ ފައްޓަވާ ހަސަން އަފީފު ވިދާޅުވީ މިހާރު އެ ގަރާރުގައި އޮތީ 21 މެންބަރުންގެ ސޮއި ކަމަށެވެ. އެހެންކަމުން ދެން އެ ގަރާރުގެ މައްސަލަ މަޖިލީހުގައި ކުރިޔަށް ނުގެންދެވޭނެ ކަމަށް އަފީފު ވިދާޅުވިއެވެ.