ބޮލީވުޑްގެ ސުޕަސްޓާރ ޝާހްރުކްހާން ގެ ފިލްމު "ޖަވާން" އިން ކުރީގެ ރިކޯޑުތައް މުގުރާލާ އާ ރިކޯޑެއް ހަދައިފިއެވެ.
ފިލްމު ޖަވާން ރިލީޒް ކުރީ 7 ސެޕްޓެމްބަރު ގައެވެ. އެ ދުވަހުވެސް މި ފިލުމުން ވަނީ ހައިރާން ކުރުވަނިވި އަދަދެއްގެ އާމްދަނީއެއް ހޯދާފައެވެ. މުޅި އިންޑިއާގައި އެކި ބަސްބަހުން ޑަބްކޮށްގެން އެޅުވި މި ފިލުމަށް ފުރަތަމަ ދުވަހު 75 ކްރޯޑް އިންޑިއަން ރުޕީސް ލިބުނެވެ.
މިހާރު މި ފިލުމުން މި ވަނީ އާ ރިކޯޑެއް ހަދާފައެވެ. އެއީ އެއް ދުވަހެއްގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރިކޯޑެވެ. ފިލްމުގެ 4 ވަނަ ދުވަހު މިވަނީ 81 ކްރޯޑް ހޯދާފަ ކަމަށް އިންޑަސްޓްރީގެ ޓްރެކާއެއް ކަމުގައިވާ ސެކްނިލްކްގެ އެސްޓިމޭޓުތަކުން ދައްކައެވެ.
މީގެ ކުރިން އެޅުވި ފިލްމުތަކަށް ބަލާއިރު އެއް ދުވަހުން އެންމެ ބޮޑު އާމްދަނީއެއް ކުރިން ހޯދީ ޝާހްރުކްހާންގެ ފިލްމު 'ޕަތާން' އިންނެވެ. އެ ފިލުމުން ވަނީ ފިލްމު އެޅުވިތާ 2 ވަނައަށްވީ ދުވަހު 70.50 ކްރޯޑް އިންޑިއަން ރުޕީސްގެ އާމްދަނީއެއް ހޯދާފައެވެ. ޕަތާން އެޅުވި ދެވަނަ ދުވަސް، 26 ޖެނުއަރީ އަކީ އިންޑިއާގެ ރަސްމީ ބަންދު ދުވަހެކެވެ.
ޕަތާންއިން ހޯދި އެ ރިކޯޑް އާމްދަނީގެ އަދަދު ފަހަނަ އަޅާފައިމިވަނީ ޖަވާން ފިލުމު އެޅުވިތާ 4 ވަނައަށްވީ ދުވަހެވެ. އެއީ ރަސްމީ ބަންދު ދުވަހެއް ކަމުގައިވާ އާދިއްތަ ދުވަހެވެ.
ޖަވާން އަކީ ޕާތާން އިން ހޯދި ތާރީހީ ކާމިޔާބީއަށްފަހު އާ ތާރީހެއް ޖަހާލި ޝާހްރުކްހާންގެ މިއަހަރުގެ ދެވަނަ ފިލުމެވެ. މި އަހަރަކީ 4 އަހަރަށްފަހު ޝާހްރުކްހާން ބޮޑު ސްކްރީނަށް އެނބުރި އައި އަހަރެވެ.