މިއަދުގެ އިންތިހާބު ކޮންމެ ގޮތަކަށް ނިމުނު ކަމުގައިވިޔަސް އަދި ކޮންމެ ސަރުކާރެއްގެ ވެރިޔަކު ހުންނެވިކަމުގައިވިޔަސް މިހާރު ފެނިވަޑައިގަންނަވަނީ ކުރިމަގު އުޖާލާކޮށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމު ވޯޓު ލެއްވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ގައުމު މަސައްކަތްކުރާނީ ތަރައްޤީއާއިއެކު ކުރިއަރައިގަތުމަށްޓަކައި ކަމަށާއި އެކަމާއި މެދު އެއްވެސް ޝައްކެއްނެތް ނުކުރައްވާ ކަމަށެވެ.

"

މިއަދުގެ ނަތީޖާއަށްފަހު މިރޭ އަޅުގަނޑުމެންނަށް އެނގިގެން ދިއުމާއެކު އަޅުގަނޑު ޔަގީން ކުރަނީ ދިވެހި ރައްޔިތުން އެ ނިންމަވާ ގޮތަކަށް އަޅުގަނޑުމެން އެންމެންވެސް އެކަމަށް އިހްތިރާމްކޮށް އެކަން ބަލައިގަނެ އަނެއްކާވެސް ގައުމައިގެން އަނެއްކާވެސް ކުރިޔަށް އަޅުގަނޑުމެންދާނީ. މީ އެންމެންގެ ގައުމެއް. އެހެންވީމާ ކޮންމެ ގޮތަކަށް ނިމިގެން ދިޔައަސް މީގައި މުހިންމު ކަމަކީ އެންމެން އެކަތިގަނޑަކަށްވުން. އިންތިހާބު އެހާ ހިސާބުން އެ ނިމުނީ މިއަދު ނިމިއްޖެ ކަމަށްވަންޏާއި، އަދި މިސާލަކަށް އިތުރު ބުރަކަށް ދާނަމަ އެކަންވެސް ހަމަ އޮންނަން ޖެހޭނީ ވަރަށް އަމާންކަން ނުގެއްލޭނެ ފަދަ ގޮތަކަށް. ގައުމައިގެން ކުރިޔަށް އަޅުގަނޑުމެން ދާނީ. ގައުމެއް އިރާދުކުރެއްވިއްޔާ ނުހުއްޓޭނެ."

މި އިންތިހާބު މި ސަރުކާރަށް ކާމިޔާބު ކުރެއްވޭނެތޯ "ޖަޒީރާ" އިން ސުވާލު ދެންނެވުމުން ނައިބު ރައީސް ވިދާޅުވީ "އަޅުގަނޑަށް އުނދަގޫ އެ ގޮތަށް ދަންނަވަން. މީގަ އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނީ ރައްޔިތުންގެ ނިންމުން، އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރަނީ ރައްޔިތުން ނިންމާ ގޮތެއްގެ މައްޗަށް އަޅުގަނޑުމެން މި ތިބެނީ."

ނައިބު ރައީސް ވިދާޅުވީ އެބޭފުޅާއަކީ ރައްޔިތުން ކޮންމެ ގޮތަކަށް ކަންތައްތައް ނިންމެވި ކަމުގައިވިޔަސް ހަމަ އެ ގަބޫލުކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި އަބަދުވެސް މެޖޯރިޓީއަށް އިހްތިރާމް ކުރައްވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ފެހި ޤާނޫނު އަސާސީގެ ދަށުން މަލްޓި ޕާޓީ ސިސްޓަމް އިންތިހާބުތައް ބާއްވަން ފެށި ފަހުން، ނައިބު ރައީސް ފައިސަލަކީ ރިޔާސީ ދައުރެއްގެ 5 ވަނަ އަހަރާއި، ހަމައަށް އަދި އިންތިހާބަކާއި ހަމައަށް ސަރުކާރެއްގައި ދެމި ހުންނެވުނު ފުރަތަމަ ނައިބު ރައީސްއެވެ. މީގެ ކުރީގެ ނައިބު ރައީސުން ކަމުގައިވާ، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ޑރ. މުހައްމަދު ޖަމީލް އަހުމަދު، އަހުމަދު އަދީބް އަދި ޖިހާދަށްވެސް 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *