މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނު އަލްއައުޡަމުގައި ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން | ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހުކުރު ދުވަހު ކުރެވޭ އެންމެ މާތް މަތިވެރި އަޅުކަމަކީ ހުކުރު ނަމާދު ކަމަށާއި ދުންޔަވީ މަސައްކަތުން ދުރުވެ ހުކުރު ނަމާދަށް އަވަސްވެގަންނަ މީހަކީ ބޮޑުވެގެންވާ ނަސީބުވެރިއެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުކުރު ދުވަހަކީ އެދުވަހެއްގައި ދުޢާ އިޖާބަ ކުރައްވާ ޚާއްސަ ވަގުތެއްވާ ދުވަސްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެވަގުތަކީ ހުކުރު ދުވަހުގެ އަސުރު ނަމާދަށްފަހު އިރު އޮއްސުމާ ދެމެދު ވަގުތުގެ ތެރޭގައި ހިމެނޭ ވަގުތުކޮޅެއް ކަމުގައި އައިސްފައިވާ ކަމަށެވެ. ނުވަތަ އެއީ އިމާމު މީހާ މިންބަރަށް އެރީއްސުރެ ހުކުރު ނަމާދުކޮށް އަވަދިވެއްޖެއުމާ ދެމެދުގައިއެވާ ވަގުތުގެ ތެރޭގައި ހިމެނޭ ހިނދުކޮޅެއްކަމުގައި ވެސް ރިވާވެގެންވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

"ހުކުރުގެ ދަރުމައާއި ސަވާބު ހެޔޮގޮތުގައި ލިބިގަންނާށެވެ!" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ހުކުރު ދުވަހަކީ އެ ދުވަހެއްގައި އިންސާނީ ނަސްލު ފެށުންކަމުގައިވާ މުޅި އިންސާނިއްޔަތުގެ ބައްޕަ އާދަމްގެފާނު ހަލްގު ކުރެއްވި ތާރީހީ ދުވަސް ކަމަށެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވެއްދެވުނީވެސް އަދި ސުވަރުގެއިން ނެރެވުނީވެސް ހުކުރު ދުވަހު ކަމަށާއި ހުކުރު ދުވަހެއްގައި ނޫނީ ގިޔާމަތް ގާއިމު ނުވާނެ ކަމަށް އައިސްފައިވާކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

ހުކުރު ދުވަހަކީ ހަފުތާގެ ތެރޭގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، މާތް ﷲ އެފަދަ މަތިވެރިވެގެންވާ ހެޔޮކަމުގެ މޫސުންތައް ކެނޑި ނޭޅި ތަކުރާރުކޮށް އިންސާނުންނަށް ދެއްވަނީ ހެޔޮ ގޮތުގައި އެ ފުރުސަތުތަކުގެ ބޭނުން ހިފައި، އެކަމުގެ ސަބަބުން ފާފަތައް ފުހެވި، ތިމާގެ ހެޔޮ އަމަލުތަކުގެ ފަތް ބަރުވެ، ދެ ދުނިޔޭގެ ކާމިޔާބު ހޯދުމަށް މަސައްކަތް ކުރުމަށްޓަކާ ކަމަށެވެ.

އެއީ އިންސާނާއަކީ އަބަދާއިއަބަދު ފާފައަށް ހުށަހެޅިފައިވާ ނިކަމެތި މީހަކަށް ވީހިނދު އެބައިމީހުންގެ ވެރިރަސްކާލާނގެ ހަސްރަތުން މިފަދަ ދީލަތި ފުރުސަތުތަކެއް ނުލިބޭނަމަ އިންސާނާ ވާނީ ބޮޑުވެގެންވާ ހަލާކެއްގެ ތެރޭގައި ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

އަދި ހުކުރު ދުވަހު ކުރެވޭ އެންމެ މާތް އަޅުކަމަކީ ހުކުރު ނަމާދު ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި ދުންޔަވީ މަސައްކަތުން ދުރުވެ ހުކުރު ނަމާދަށް އަވަސްވެގަންނަ މީހަކީ ބޮޑުވެގެންވާ ނަސީބުވެރިއެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ހުކުރު ދުވަހުގެ ޚުތުބާ ފެށުމަށްފަހު ހުކުރަށް އަންނަ މީހުންނަކީ ހުކުރަށް ހާޒިރުވި މީހުން ލިޔުއްވުމަށް މާތްﷲ ޚާއްސަ ކުރައްވާފައިވާ މަލާއިކަތުންގެ ފަތްފުށްތަކުގައި ލިޔެވޭނެ ބައެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެފަދަ މީހުންގެ ހުކުރު ނަމާދު ސައްހަވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ނަމަވެސް ހުކުރު ނަމާދަށް މާތް ﷲ ޚާއްސަ ކުރައްވާފައިވާ ދަރުމައާއި ސަވާބު ވަރަށް ބޮޑު ބައެއް އެފަދަ މީހުންނަށް އުނިވާނެ ކަމަށާއި، މިއަދު އަހަރެމެންގެ މުޖުތަމައުގެ ބައެއް ފަރުދުން މިފަދަ ކަންކަމަށް އެއްވެސް ސަމާލުކަމެއް ނުބަހައްޓާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ހުތުބާގައި ބުނީ، މަގުބޫލު އުޒުރަކާ ނުލައި ހުކުރު ނަމާދަށް ނައިސް ތިބުމީ އެބައިމީހުންގެ ހިތުގައި ސިއްކަޖެހި ބަންދުވާނެ ކަމެއް ކަމަށާއި ތިމާގެ ފުރާނައަށް ނުވަތަ މުދަލަށް އަމާންކަން ނެތުން ފަދަ ޝަރުއީ އުޒުރަކާ ލައިގެން މެނުވީ ހުކުރު ނަމާދު ދޫކުރުމަކީ ބޮޑު ފާފައެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *