ކުރިއަށް އޮތް ދައުރުގައި ކ. ދިއްފުށީގައި އަލަށް ހިއްކާފައި އޮތް ސަރަޙައްދުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމް ކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ "އުފާވެރި އަމާން ރާއްޖެ" ކެންޕެއިންގައި މިއަދު ދިއްފުށްޓަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ދިއްފުށީގެ ތަރައްޤީއަށްޓަކައި ބޭނުންވާ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ރަށަށް ބޭނުންވާ އެންމެ މުހިންމު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވީ ރަށުގެ ބިންހިއްކުމެވެ.

ރައީސް ވިދާޅުވީ ދިއްފުށީގެ ބިން ހިއްކުމަށް މިހާރު އޮތީ ތައްޔާރުވެފައި ކަމަށެވެ. އަދި އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ލަސްތަކެއްނުވެ ފެށިގެން ދާނެ ކަމަށާއި މި ދައުރުގައި އެ މަސައްކަތް ނިންމަވާދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތް ދައުރުގައި އެ ރަށުގައި އަލަށް ހިއްކާފައި އޮތް ސަރަޙައްދަށް ފެނާއި، ނަރުދަމާގެ އިތުރުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެ ރަށުގެ މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޕޮލިސް އިމާރާތް ގާއިމްކޮށް ދިއްފުށީގައި ޕޮލިހުގެ ޚިދުމަތް މިހާރަށްވުރެ ރަނގަޅަށް ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކުނި ނައްތާލުމަށްޓަކައި ވޭސްޓްމެނޭޖްމެންޓް ސެންޓަރެއް ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅޫވިއެވެ. އަދި ޞިއްޙީ މަރުކަޒުގެ ވަސީލަތްތައް އިތުރުކޮށް ރައްޔިތުންނަށް ބޭނުންވާ އިތުރު ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ގޮތް ކުރިއަށް އޮތް ދައުރުގައި ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ޒުވާނުން ބޭނުންވާ ވޮލީ ކޯޓެއް އަޅައިދިނުމުގެ އިތުރުން، ދިއްފުށި ކައިރިން ޕިކްނިކް އައިލެންޑެއް ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *