ފާއިތުވި 30 އަހަރު ތެރޭ 50 އަހަރުން ދަށުގެ އުމުރުފުރާގައި ކެންސަރު ޖެހޭ މީހުންގެ އަދަދު 80 އިންސައްތަ އިތުރުވެފައިވާކަމަށް ބީއެމްޖޭ އޮންކޮލޮޖީ ޖާނަލް އިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
ބުދަ ދުވަހު ނެރުނު ދިރާސާގައިވާގޮތުން ކެންސަރު ބަލީގެ ކޭސްތައް ފެންނަ މިންވަރު ކަންބޮޑުވާވަރަށް އިތުރުވެފައިވާއިރު އިތުރަށް ތަހުގީގުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
މި ޖާނަލްގައި ކެންސަރުގެ 29 ވައްތަރެއް ހިމެނޭ 204 ގައުމެއްގެ ޑޭޓާ ހިމެނޭ ގޮތަށް، 1990 އާއި 2019 އާ ދެމެދުގެ ބަދަލުތައް މިންކޮށް، އާ ކޭސްތަކާއި، މަރުތަކާއި، ސިއްހީ އަސަރުތަކާއި، އަދި 14 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނަށް ކެންސަރަށް މަގުފަހިވާ ކަންކަން ދިރާސާކޮށް އަލިޅުވާލައިފައިވެއެވެ. އަދި 1990 އާއި 2019 ވަނަ އަހަރު ދެމެދު ޒުވާން އުމުރުގައި ކެންސަރުގެ ޖެހޭ މީހުންގެ އަދަދު 1.82 މިލިއަން ކޭސްއިން 3.26 މިލިަން ކޭހަށް އިތުރުވެފަިވާކަން ފާހަގަކޮށްފައިވެއެވެ.
ބީއެމްޖޭ އޮންކޮލޮޖީ ޖާނަލްގައި ހާމަކޮށްފައިވާގޮތުން އުމުރުން 30 ހާއި 40، ނުވަތަ އެއަށްވުރެ ދަށުގެ ބޮޑެތި މީހުން މަރުވާ މިންވަރު 27 ޕަސެންޓް އިތުރުވެ، ކޮންމެ އަހަރަކު 50 އަހަރުން ދަށުގެ މިލިއަނަކަށް ވުރެ ގިނަ މީހުން ކެންސަރު ބަލީގެ ޝިކާރައަކަށްވެ ދުނިޔެ ދޫކޮށްދާކަމަށް ވަނީ ބުނެފައެވެ.
މި ދިރާސާގައި މަސައްކަތްކުރި އޮސްޓްރޭލިއާ، ޕާތްގެ އޮންކޮލޮޖިސްޓް ސައްޔިދް އަލީ، ބުނީ މިހާތަނަށް އެނގޭ އެއްޗަކީ މި އަދަދުތައް ގިނަވަނީ ދުނިޔޭގެ އާބާދީ އިތުރުވުމާއި ސްކްރީނިންގ އަދި ޓެކްނޮލޮޖީގެ ސަބަބުން އަދި ދިރިއުޅުމުގެ ވަށްޓަފާޅިއަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ދުންފަތުގެ އިސްތިއުމާލުކުރުމާއި، ބަނގުރާ ބޭނުންކުރުމާއި، ފަލަވެ، ކަސްރަތު ނުކުރުމާއި ތާޒާ މޭވާއާއި ތަރުކާރީ ބޭނުން ކުރާ މިންވަރު މަދުވުމުގެ ސަބަބުން ކެންސަރަށް މަގު ފަހިވެގެން ދާނެކަމަށް އޭނާ ބުނެއެވެ.
މި ދިރާސާއިން އެނގޭގޮތުގައި ރަތް މަހާއި، ލޮނު ގިނައިން ހިމެނޭ ކާނާ އާއި، މޭވާ އާއި ކިރު މަދު ކާނާ އާއި ދުންފަތާއި ބަނގުރާ ބޭނުންކުރުމަކީ 50 އަހަރުން ދަށުގެ މީހުންގެ ތެރޭގައި އެންމެ އާންމު ކެންސަރު ޖެހުމުގެ ޕްރައިމަރީ ރިސްކް ފެކްޓަރ ކަމަށް ވެއެވެ.
ހެލިފެލިވެ ހަރަކާތްތެރިވުން މަދުވެ، މާބޮޑަށް ބަރުދަން އިތުރުވުމާއި ލޭގައި ހަކުރު ހުންން މިންވަރު އިތުރުވުންފަދަ މައްސަލަތަކަކީ އެއީ ކެންސަރަށް މަގުފަހިވާ ކަންތައްށްތަކެއްކަން އެ ދިރާސާއިން ހާމަވެއެވެ.