ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ޞިއްޙީ މާރުކަޒަށް އިތުރު ކުރެވުނު ޢިމާރާތާއި، މާކުރަތު ފުޓުބޯޅަ ދަނޑާއި މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރުގައި ހުންނަ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އިތުރު ކުރެވުނު ޢިމާރާތް ހުޅުއްވައި ދެއްވައިފިއެވެ.

ރައީސް މި މަޝްރޫޢުތައް ހުޅުއްވައި ދެއްވީ، އެމަނިކުފާނު މިހާރު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ދެ ރަށަށް ވަޑައިގެންނެވެ.

މާކުރަތުގައި ތަރައްޤީކޮށްފައިވާ ޞިއްޙީ މާރުކަޒަށް އިތުރު ކުރެވުނު ޢިމާރާތުގައި އޮފީހަކާއި، ޕަބްލިކް ހެލްތު ޔުނިޓަކާއި، ހެލްތު އެޑިއުކޭޝަން ރޫމަކާއި، ސްޓޯރޫމް ފަދަ ތަންތަން ހިމެނެއެވެ. މި މަޝްރޫޢު ސަރުކާރުން ކުރިޔަށް ގެންގޮސްފައި ވަނީ ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ. ރ. މާކުރަތުގައި ސަރުކާރުން ތަރައްޤީކުރި ފުޓުބޯޅަ ދަނޑަކީ ޓާފް އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އިތުރުކުރެވުނު ޢިމާރާތުގައި އިމަޖެންސީ ރޫމަކާއި، ރޭޑިއޮލޮޖީ ރޫމަކާއި، ލެބޯރެޓޮރީއަކާއި، ތިއޭޓަރަކާއި، ސީއެސްއެސް އަދި 10 ކޮޓަރީގެ ޕްރައިވެޓް ވޯޑެއް ވަނީ ޤާއިމްކޮށްފައެވެ. މި މަޝްރޫޢު ސަރުކާރުން ކުރިޔަށްގެންގޮސްފައި ވަނީ އެލިއާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ.

ރަށްރަށުން ރައްޔިތުންނަށް ދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ވަޞީލަތްތައް އިތުރުކުރުމަށް ސަރުކާރުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ދަނީ އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *