ރައީސް އުނގޫފާރު ސަޕޯޓަރުންނާއި ބައްދަލުކުރައްވަނީ

އިލްމްވެރިންނަށް މިދިޔަ ފަސް އަހަރު ފުރިހަމަ މިނިވަންކަން ދެއްވާފައިވާނެ ކަމަށާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރ. އުނގޫފާރުގައި މިއަދު މެންދުރު ބޭއްވި ޖަލްސާގައެވެ.

ދީނީ އިލްމުވެރިޔާ މަރްހޫމް ޑރ. އަފްރާޝީމް ނިސްބަތްވެވަޑައިގަންނަވާ އުނގޫފާރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އެމްޑީޕީ އަލުން ވެރިކަމަށް އަންނަން ހޭދަވި ހަތް އަހަރުގެ ތެރޭގައި ދީނީ އިލްމްވެރިންނާިއ ނޫސްވެރިންނާއި ސިޔާސީ ލީޑަރުންވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ދީނީ އިލްމްވެރިންނާއި ސިޔާސީ ބޭފުޅުންނާއި ނޫސްވެރިންނަށް އެދުވަހު ކުރިމަތިލާން ޖެހިފައިވަނީ ބިރުވެރިކަމާއި ނާމާންކަމާއި ހަމަ އެ ދުވަސްވަރު ރާއްޖެ ޓީވީގައި ހުޅު ރޯކޮށްލި ކަމަށާއި، ސިޔާސީ ބޭފުޅުން ހިފާ ހައްޔަރުކުރި ކަމަށާއި، ފަރެސްމާތޮޑާގައި ހުންނަވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްގެން ގެނެސްގޮސް ދޫނިދޫއަށްލީ ކަން ރައިސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެ ބިރުވެރިކަމަށް ނިމުމެއް ގެނެސްދެއްވީ އެބޭފުޅާ ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު 2018 ވަނަ އަހަރުކަމަށެވެ.

އުނގޫފާރުގައި ރައީސް ވަނީ ޑރ. އަފްރާޝީމުގެ ހަނދާން އާ ކުރައްވާފައެވެ.

އަދި ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ފުރިހަމަ ފުރުސަތު ލިބިގެން ދިޔަ ކަމަށާއި، ބަސް ބުނުމުގެ މިނިވަންކަމާއި ނޫސްވެރިންނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން މިއިން ދުވަހަކު ނުލިބޭ ވަރަށް ފުޅާ ކުރެވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *