މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޓޭބަލް ޓެނިސްގެ ސިންގަލްސް އިވެންޓުން ރަން މެޑަލް އަދި ރިހި މެޑަލް ވެސް ރާއްޖެއިން ހޯދައިފިއެވެ.
މިދިޔަ މަހުގެ 25 އިން މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތައް ބައިވެރިވާ މި ގޭމްސްގައި މިއަދު ކުޅުނު ޓީޓީ އަންހެން ސިންގަލްސް އިވެންޓްގައި ރާއްޖޭގެ ދެ ކުޅުންތެރިން ބައްދަލުކުރި ފައިނަލްގައި ދީމާ ވަނީ ރަފާގެ މައްޗަށް 4-2 ސެޓުން ކުރިހޯދާފައެވެ.
މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓު 11-2 އިން ގެންދިޔައީ ރަފާ އެވެ. ނަމަވެސް، ދެން ޖެހިގެންއައި ތިން ސެޓު 14-12، 11-09، އަދި 11-07 އިން ކާމިޔާބުކޮށް ދީމާ ވަނީ ބޮޑު ލީޑެއްނަގައިފައެވެ.
ރޭގެ ރަން މެޑައްޔާއެކު ދީމާ ވަނީ މިފަހަރުގެ އައިއޯއައިޖީގައި ތިން ރަން މެޑައްޔާއި ލޯ މެޑައްޔެއް ހޯދައިފައެވެ. އެއީ އަންހެން ޓީމް އިވެންޓުން ހޯދި ރަން މެޑައްޔާއި، ޑަބަލްސް އަދި ސިންގަލްސްގެ ރަން މެޑަލްގެ އިތުރުން މިކްސް ޑަބަލްސްގެ ލޯ މެޑަލްއެވެ.
މި މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލްގައި ރާއްޖޭގެ ޝައްފާން ވަނީ މަޑަގަސްކަރަގެ ނަޓިވެލް ޖޮނަތަން އަތުން 4-2 ސެޓުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް މަޑަގަސްކަރައިގެ ކުޅުންތެރިޔާ ގެންދިޔައީ، 11-06، 11-08، 11-05، 11-13، އާއި 09-11، އަދި 06-11 އިންނެވެ.