މިހާރު މަޑަގަސްކަރައިގައި ކުރިޔަށްދާ މި ސަރަހައްދުގެ ބޮޑު ކުޅިވަރު މުބާރާތް އިންޑިއަން އޯޝަން އައިލެންޑް ގޭމް (އައި.އޯ.އައި.ޖީ) ގައި ވާދަކުރި ޓޭބަލް ޓެނިސް (ޓީޓީ) ގައުމީ އަންހެން ޓީމުން ރާއްޖެއަށް ރަން މެޑަލް ހޯދައިދީފިއެވެ.
ޓީޓީ އަންހެން ޑިވިޝަންގެ ކުޅުން ކުރިޔަށް ދިޔައީ ލީގު އުސޫލުންނެވެ، ރާއްޖޭގެ ޓީޓީ ޓީމުން ކުޅުނު ހުރިހާ މެޗެއްވެސް ވަނީ ކާމިޔާބުކޮށްފައެވެ. އަދި އިއްޔެ ކުޅުނު ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެއިން ނިކުތީ މޮރިޝަސް އާއި ދެކޮޅަށެވެ. އެ މެޗުން 1-3 ގެ ނަތީޖާއަކުން ރާއްޖެއިން ވަނީ މޮރިޝަސް ބަލިކޮށްފައެވެ.
ފުރަތަމަ މެޗުގައި އިއްޔެ ކުޅެން އެރީ ރާއްޖޭގެ އައިޝަތު ރަފާ ނާޒިމްއެވެ. ރަފާ ކުޅެން އެރީ މޮރިޝަސްގެ ޖާލިމް ނަންޑޭޝްވަރީއާއި ދެކޮޅަށެވެ. އެ މެޗުގައި ރަފާ ވަނީ ސީދާ ތިން ސެޓުން އޭނާ ބަލިކޮށްފައެވެ. ރަފާ ތިން ސެޓް ކާމިޔާބުކުރީ، 8-11، 10-12 އަދި 6-11 އިން ނެވެ.
ދެވަނަ ގޭމްގައި ކުޅެން އެރީ ރާއްޖޭގެ ފާތިމަތު ދިމާ އާއި އަލީ ހޮސެނަލީ ތައްޔެއާއެވެ. މި ގޭމު ދީމާ ކާމިޔާބު ކުރީ 1-3 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ސެޓް ގެންދިޔައީ ހޮސެނަލީއެވެ. އެހެންނަމަވެސް ދެން ކުޅުނު ސެޓްތަކުން ދީމާ ވަނީ އޭނާގެ މައްޗަށް ކުރި ހޯދާފައެވެ. އެ ސެޓްތައް ދީމާ ކާމިޔާބު ކުރީ 6-11، 9-11، އަދި 2-11 އިންނެވެ.
އިއްޔެގެ މެޗުތަކުން ރާއްޖެއަށް ހަމައެކަނި ގެއްލުނީ ތިންވަނަ ގޭމެވެ. އެއީ ރާއްޖެއިން ލައިޝާ ފަތުހުﷲ ކުޅެން އަރާ އިސްމާއިލް ކިނޯ ރުގައްޔާ އަތުން ބަލިވުމާއި ގުޅިގެން ގެއްލުނު ގޭމެކެވެ. ލައިޝާއަށް އެ ގޭމު ގެއްލުނީ 1-3 ގެ ނަތީޖާއަކުންނެވެ.
އެހެންނަމަވެސް ރާއްޖޭގެ ކުޅުންތެރިން ވަނީ ވަރަށް ގަދަ ހިއްވަރާއި އެކު ރާއްޖެ ފަހުރުވެރިކޮށްދީ ރަށް މެޑަލް ހޯދާދީފައެވެ. ރަން މެޑަލް ހޯދައިދިނީ ހަތަރުވަނަ ގޭމްގައި ދީމާ ކުޅެން އަރާ، މޮރިޝަސްގެ ޖާލިމްގެ މައްޗަށް 5-11، 4-11 އަދި 8-11 އިން ތިން ސެޓުވެސް ގެންގޮސްގެންނެވެ.