ބޮލީވުޑް ފިލްމް 'ސިންގހަމް 3'، 'ރާމްބޯ' އަދި 'ބާގީ 3' ގެ ޝޫޓިންއަށް ޓައިގާ ޝްރޮފް ތައްޔާރުވެއްޖެވެ.
'ފިލްމް ހީރޯ' ޕާންތީ ނިކުތްތާ 16 މަސް ދުވަހަށްފަހު އަނެއްކާވެސް ޓައިގާ ޝްރޮފް އަށް ވަނީ ގިނަ ފިލްމްތަކެއް ލިބިފައެވެ.
ޓައިގަރ މިހާރު ކުޅެމުންދާ 'ގަނަޕަތް'ގެ ޝޫޓިން ނިންމާލުމަށްފަހު ދެން ފަށާނީ ސިންގހަމް 3 ގެ މަސައްކަތެވެ. ރޯހިތް ޝެޓީ ޑައިރެކްޓްކުރާ މިފިލްމްގައި ޓައިގާގެ އިތުރުން އަޖޭ ދޭވްގަން، ރަންވީރް ސިންހް އަދި ދީޕިކާ ޕަޑުކޯން ފެނިގެންދާނީ ވަރުގަދަ ފުލުހުން ރޯލުތަކުންނެވެ.
ސިންގހަމް 3 ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރުގައި ކަމަށް އިންޑިއާގެ މީޑިއާތަކުން ހަބަރުދެއެވެ.
މި އަހަރުގެ ފަހުކޮޅު ހޮލީވުޑްގެ މަޝްހޫރު ފިލްމް 'ރާމްބޯ' ގެ ރީމޭކެއްގައި އެ ފިލްމުގެ ލީޑް ރޯލު ކުޅުމަށްވެސް ޓައިގާއަށް ވަނީ ފުރުސަތު ލިބިފައެވެ. އެ ފިލްމަކީ އެންމެ ފަހުން ޝާރުކްހާން ފެނިގެން ދިޔަ 'ޕަތާން' ޑައިރެކްޓަރު ކޮށްފައިވާ ސިދާތް އާނަންދް ކަމަށް އަޑުތައް ފެތުރިފައިވެއެވެ.
ރާމްބޯގެ އިތުރުން ބާގީ 3 ގައިވެސް ޓައިގާ ކުޅޭނީ ލީޑް ރޯލެވެ. މިފިލްމުތަކުގެ ޝޫޓިން ފެށުމަށް ތައްޔާރީތައް ވަމުން އަންނައިރު އޮކްޓޯބަރު ނިމުމުގެ ކުރިން ޝޫޓިންގ ފެށޭނެ ކަމަށް ފިލްމްތައް އުފައްދާ ކުންފުނިންތަކުން މައުލޫމާތު ދެއެވެ.
ޓައިގާގެ ޝެޑިއުލްތައް ފުރުފައިނަމަވެސް އޭނާއަށް އޮތް ޑިމާންޑް ވަރަށް ބޮޑެވެ. މި ތިން ފިލްމުގެ އތުރުން އޭނާ އަށް އިތުރު އެހެން ފިލްމުތައް ކުޅުމުގެ ފުރުސަތު ލިބިފައިވެއެވެ. ނަމަވެސް ޓައިގާ، މި އޮފާ ތަކަށް ޖަވާބެއް ދޭނެކަން ބެލެވެނީ މިހާރު ކުރަމުން އަންނަ މަސައްކަތްތަށް ނިންމާލުމަށްފަހުއެވެ.
ކުރިއަށް އޮތް ދެއަހަރު ތެރޭ މިހުރިހާ ފިލްމްތަށްވެސް ރިލީޒް ކުރުން ހަމަޖެހިފައިވާ ކަމަށް މީޑިއާތަކުން ބުނެއެވެ.