ރާއްޖޭގެ ސިޔާސީ މައިދާނުގައި މިއަހަރަކީ ވަރަށް ތަފާތު އަހަރެކެވެ. ރިޔާސީ އިންތިހާބު ބޯމަތިވެގެން އައިއިރު ގައުމު ހަލަބޮލިނުވެ ސިޔާސީ ކަމެއްގައި ރިޔާސީ ރޭހަށް ނުކުންނަވާނެހެން ހީވާ ބޭފުޅަކު ޖަލުގެ ކުޑަގޮޅިއަށް ނުލައްވާ އިންތިހާބަކަށް މަގުފަހިކޮށްދެވިފައިވާ އަހަރަކީވެސް މިއެވެ.
2008 ވަނަ އަހަރު އާ ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ ފަހަރަށް ބޭއްވި މަލްޓިޕާޓީ ސިސްޓަމްގެ ދަށުން ބޭއްވި ފުރަތަމަ އިންތިހާބު ކާމިޔާބުކޮށް އާ ސަރުކާރެއް އެކުލަވާލީ އެމްޑީޕީ އިއްތިހާދުންނެވެ.

2008 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަ ކުރެއްވި ކެންޑިޑޭޓުން - ފޮޓޯ: އަބުދުالله ވަހީދު ބްލޮގް
ރައީސް އަލްއުސްތާޒް މައުމޫން އަބުދުލްޤައްޔޫމް ބަލިކުރައްވާ އުފެދިގެން އައި އެ ޒުވާން ސަރުކާރަށް ރަނގަޅަށް ހިންދެމި ނުލެވިގެން އުޅެނިކޮށް ކޯލިޝަން ރޫޅިއްޖެއެވެ.
ސިޔާސީ ދެކޮޅުވެރިކަމާއި، ހަލަބޮލިކަން އިތުރުވެގެން ދިޔައީ ކޯލިޝަން ރޫޅި ކެބިނެޓް އިސްތިއުފާދެއްވާ، އެންމެފަހުން ރައީސުލްޖުމްހޫރިއްޔާވެސް އިސްތިއުފާ ދެއްވާ ހިސާބަށް ކަންކަން ބޮއްސުންލައިގެން ދިއުމުންނެވެ. މަގުތަކުގައި ހަމަނުޖެހުން ހިންގާ މުދަލަށް ގެއްލުންދީ ސަރުކާރަށް ޖެއްސުންކޮށް ބިރު ދައްކަމުން ގޮސް 2012 ވަނަ އަހަރު ފެށިގެން އައި އިރު މާލެތެރެ ނާމާންވީ މުޒާހަރާތަކުންނެވެ.
12 ފެބުރުއަރީ 2012 ގައި އެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް އޭރުގެ ސަރުކާރުން ބުނަމުން ގެންދިޔައެވެ. ސިފައިންނާ ފުލުހުންގެ އެހީތެރިކަމާއެކު ވެރިކަން ފުރޮޅާލުމުގައި އެދުވަހު އިސްވެ ނިކުންނެވި ބޭފުޅުން މިއަދުވެސް ސިޔާސީ މައިދާނުގެ މަތި ފަޑީގައި އެތިއްބެވީއެވެ. ރިޔާސީ ރޭހުގެ ކާމިޔާބީއަށް އެދިއެދިއެވެ. އެއްވެސް އަދަބެއް ނުލިބި ސިޔާސީ ހަރަކާތްތަކުގައި އުޅުއްވުމުގެ ފުރުސަތު އެ ވެރިންނަށް އޭރު އުފަންކުރި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ދެއްވިއެވެ. ސަރުކާރުގެ ވުޒާރާތައް ހިންގެވުމާއި އިދާރާތަކުގެ އިސްމަގާމުތައް އެބޭފުޅުން ފުރުއްވިއެވެ.
އެ ވެރިކަމުގެ ދައުރު ހަމަވެ މާ ގިނަ ދުވަސްތަކެއް ނުވަނީސް އުފެދުނީ ޕީޕީއެމްގެ ސަރުކާރެކެވެ. 2013 ވަނަ އުފެދިގެން އައި ވެރިކަމުގެ ވަލީއުލް އަމުރަކަށް އިންތިހާބުކުރެވިގެން ދިޔައީ ރައީސް އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމް އެވެ. އެ ވެރިކަމުގައި ސިޔާސީ ހަމަނުޖެހުންތަކާއި ކޯޅުންތައް އިންތިހާއަށް އިތުރުވިއެވެ.
ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ އަބުރުގެ ޤާނޫނާއި، މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމާއި، ސިޔާސީ ކުށްވެރިން ގިނަވެ އެންމެ އަރިހުގައި އުޅުއްވި ބޭބޭފުޅުންވެސް ޖަލަށް ލެއްވިއެވެ. 2018 ވަނަ އަހަރު ރިޔާސީ އިންތިހާބު ބޯ މަތިވެގެން އައި އިރު މިއަދު ރިޔާސީ ރޭހަށް ނިކުމެ ތިއްބެވި ހުރިހާ ޕާޓީތަކުގެ ކެންޑިޑޭޓުން ތިއްބެވީ ޖަލުގައެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފިޔަވާ ދެން ތިއްބެވި ޕާޓީތަކުގެ ކެންޑިޑޭޓުންނެވެ. އަދި އަމިއްލަ ގޮތުން ވާދަކުރައްވާ އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫންވެސް ޖަލުގައި ހޭދަކުރެއްވިއެވެ.
އޭރާއި މިހާރާ ހާސްބައި ތަފާތެވެ. ސިޔާސީ ލީޑަރަކު ސިޔާސީ ކަމެއްގައި ޖަލަކަށް ނުލައްވައެވެ. ރިޔާސީ އިންތިހާބު 2023 އަށް ސިޔާސީ މައިދާން ހަލަބޮލިވެގެންދާކަށް ޖާގައެއް ނުދެއްވައެވެ. 2018 ވަނަ އަހަރު އެ ހަލަބޮލިކަން އުފެދުނީ ވާދަކުރައްވަފާނެހެން ހީވާ ލީޑަރުން ޖަލު ހުކުމަށް މެހި އިންތިހާބުގައި ވާދަކުރުމުގެ ޝަރުތުހަމަނުވުމުންނެވެ.

2018 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވީ ރައީސް ޔާމީން އާއި ރައީސް ސޯލިހަށް އެކަނި: ފޮޓޯ: މޯލްޑިވްސް ވޮއިސް/ޓްވިޓަރ
އެހެންނަމަވެސް މި ސަރުކާރުގެ ތަފާތަކީ، ތަފާތު ހިޔާލުގެ ޕާޓީތަކާއި އެކު ހެދި ކޯލިޝަން ރޫޅާނުލާއި، އެ ކޯލިޝަނާއި އެކު ދެމިއޮތުމުގެ ހިއްވަރު ސަރުކާރުގައި އޮތުމެވެ. ރައީސުލްޖުމްހޫރިއްޔާގެ ހިކުމަތްތެރިކަމާއި ކެތްތެރިކަން އަދި ކަންކަން ނިންމެވުމުގައި މާ އަވަސް އަރުވާލައިގެން ނޫޅުއްވާ މަޝްވަރާގެ ރިވެތި އުސޫލު ހިޔާރުކުރެއްވުމެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ކޯލިޝަންގެ އިސް ވެރިން
ނަތީޖާއަށް ވެގެން މިދަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ސިޔާސީ ލީޑަރުންނަށް ލިބިވަޑައިގެންނެވުމެވެ. އަދި އެއްވެސް ކެންޑިޑޭޓަކަށް ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރުވާފައި ނެތުމެވެ. ރައީސް ޔާމީން ފިޔަވާ އިންތިހާބަށް ކުރިމަތި ލެއްވި ހުރިހާ ބޭފުޅުންނަށްވެސް ފުރުސަތު ފަހިވެފައި އޮތުމެވެ. ރައީސް ޔާމީނަށް އެ ފުރުސަތު ގެއްލުނީ، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ޖެހިވަޑައިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ އަމަލު ހިންގެވި ކަން ސާބިތުވުމުންނެވެ. ކަޅު ކޮތަޅުގައި ފައިސާ ގޯނި ގޯނި އަމިއްލަ ގެކޮޅަށް ވެއްދެވިކަން ހާމަވުމުންނެވެ. އެ ސަކަރާތުގައި ރައީސް ޔާމީން ޖެހިވަޑައި ނުގެންނެވި ނަމަ މިއީ ރައީސް ޔާމީނަށްވެސް އިންތިހާބުގައި ބައިވެރިވެވަޑައިގެންނެވޭނެ ފަހަރަށް ވީހެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު ބާއްވާ ތާރީހަކީ ސެޕްޓެމްބަރު 9 އެކެވެ. ދެން ގައުމުގެ ހުންގާނަށް ވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައެޅުމަށް ކުރާ މި ދަތުރުގައި، ރިޔާސީ ރޭހަށް ނިކުންނަވާ ތިއްބެވީ 8 ކެންޑިޑޭޓުންނެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ގިނަ ބޭފުޅުން ވާދަކުރައްވާ ރިޔާސީ އިންތިހާބެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްލަ 8 ކެންޑިޑޭޓުން ވާދަކުރުމަށް ފޯމު ހުށަހަޅާފައިވާއިރު އޭގެތެރޭގައި ހިމެނޭ ޕާޓީގެ ޓިކެޓްގައި ވާދަކުރާ 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ. މި ކެންޑިޑޭޓުންނަކީ:
- ރައީސް އިބްރާހީމް މުހައްމަދު ސޯލިހް / އަސްލަމް - އެމްޑީޕީ
- ޑރ. މުހައްމަދު މުއިއްޒު / ހުސެއިން މުހައްމަދު ލަތީފް - ޕީއެންސީ
- މުހައްމަދު ނާޒިމް / ޑރ. އަހުމަދު އަދީލް ނަސީރު - އެމްއެންޕީ
- އިލްޔާސް ލަބީބް / ހުސެއިން އަމްރު - ދަ ޑިމޮކްރެޓްސް
- ގާސިމް އިބްރާހިމް / ޑރ. އަމީން އިބްރާހިމް - ޖުމްހޫރީ ޕާޓީ
- ޙަސަން ޒަމީލް / މަރިޔަމް އަލީމް - އަމިއްލަ ގޮތުން
- އަހްމަދު ފާރިސް މައުމޫން / ޑރ. އަބްދުއްސައްތާރު ޔޫސުފް - އަމިއްލަ ގޮތުން
- އުމަރު ނަސީރު / މުހައްމަދު ސަލީމް - އަމިއްލަ ގޮތުން
މި ކެންޑިޑޭޓުންގެ ނަންތައް މިއަދު ތަރުތީބު ކުރެވިގެންދާއިރު، ރާއްޖޭގެ ތަރައްޤީ ގުޅިފައިވަނީ އިންތިހާޞު ކުރެވޭ ލީޑަރަކާއެވެ. ޓެސްޓް ކުރެވި ރައްޔިތުންނަށް އިތުބާރު ކުރެވޭފަދަ ވެރިއަކަށް ގައުމު ދީލާލުމަށް ބައެއް ކެންޑިޑޭޓުން އިލްތިމާސް ކުރައްވައެވެ. އަނެއްބައި ކެންޑިޑޭޓުންގެ އިލްތިމާސަކީ ބަދަލެކެވެ. ކޮންމެއަކަސް ގޮތް ނިންމުމުގެ ފުރިހަމަ ބާރާއި އިހްތިޔާރު އޮތީ އަޅުގަނޑުމެން އާންމު ރައްޔިތުންގެ އަތްމަތީގައެވެ. ސެޕްޓެމްބަރު 9 ގައި ނިކުމެ ވޯޓު ކަރުދާސް ކޮޅުގައި ޖަލާހާ ފާހަގަ މުހިންމު ވަނީ މި ސަބަބަށްޓަކައެވެ. އަމާން އުފާވެރި ބަނދަރަކަށް ދެވޭނީ މިތަނުން ކޮން ބޭފުޅަކާއި އެކުގައިކަން ނިންމަވާނީ ތިޔަބޭފުޅުންނެވެ.