ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމް ގޮތް ދޫކުރައްވާ ޕްރޮގްރެސިވް ކޯލިޝަނުގެ ސެނެޓްގެ ނިންމުމާއި އެއްގޮތަށް ކުރިޔަށް ވަޑައިގެންނެވުމަށް ނިންމަވައިފިއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ ޝަރުތު ފުރިހަމަ ނުވާކަމަށް ދިވެހިރާއްޖޭގެ ހސްޕްރީމު ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ނިންމެވުމާއި ގުޅިގެން ފުރުސަތު ގެއްލުމުން ރައީސް ޔާމީން ޕީޕީއެމް އާއި ޕީއެންސީއަށް ލަފާ ދެއްވީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ.
އެހެންނަމަވެސް އިއްޔެ ޕީޕީއެމް/ޕީއެންސީ ސެނެޓުން ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ނިންމެވީ އިންތިހާބު ބޮއިކޮޓް ނުކޮށް ޕީއެންސީ ވާދަކުރައްވަން ނިންމެވި ކެންޑިޑޭޓް، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި އެކު އިންތިހާބަށް ނިކުތުމަށެވެ.
ރައީސް ޔާމީން އަށް ކުރިމަތި ނުލެވޭ ހާލަތެއްގައި ރިޔާސީ އިންތިހާބަށް ޑރ. މުއިއްޒު ނެރުމަށް ޕީއެންސީން ނިންމީ ބުރާސްފަތި ދުވަހު ސެނެޓްގައި ނެގި ސިއްރު ވޯޓަކުންނެވެ. ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު، ރ. މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި ވާދަކުރައްވާ ކުޑަ ތަފާތަކުން މުއިއްޒު ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވީ ހަމަ އެދުވަހު ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންސީއަށް ސޮއި ކުރެއްވުމަށްފަހުއެވެ.