ޕިއެސްއައިޕީ މަޝްރުއުތަކަށް ސަރުކާރުން މިހާތަނަށް 32 ބިލިއަން ރުިފޔަ ޚަރަދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭނަށް ށ. ފުނަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ވެރިކަމުގެ މިހާތަނަށް އައިއިރު ކުރީގެ އަހަރުތަކާ އަޅާބަލާއިރު ތަރައްގީގެ މަޝްރޫއުތަކަށް ބޮޑު ޚަރަދެއް ކުރިވިއްޖެ ކަމަށާ އެކަން ކުރެއްވީ ރައްޔިތުންނަށް އެކަންކަންބޭނުންވާތީ ކަމަށެވެ.
2014 އިން 2018 އަށް ސަރުކާރުން ޕީއެސްއައިޕީ މަޝުރޫއުތަކަށް ޚަރަދު ކުރީ 22 ބިލިއަން ރުފިޔާކަން ފާހަގަކުރައްވާ މި ސަރުކާރުން މިހާތަނަށް ޕިއެސްއައިޕީ މަޝްރުއުތަކަށް 32 ބިލިއަން ރުިފޔަ ޚަރަދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ސީދާ ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ކުރެވުނު ޚަރަދުތައް ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 5.76 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާ އެއީ 147 ރަށެއްގައި މަޝްރޫއުތައް ހިންގުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންނަށް ބޭނުންވާ މިފަދަ އުމްރާނީ ތަރައްގީތަކާ އަސާސި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން 150 ރަށެއްގައި އިންޖިނުގެ އަޅާ ކޭބަލް ބަދަލުކޮށް އޮފީސް ގާއިމްކޮށް ނިންމަމުންދާ ކަމަށެވެ.
ފުނަދޫގެ އިންޖިނު ގެއަކީ ކުރިން ކައުންސިލުން ހިންގަމުން އައި އިންޖީނުގެއެއްކަން ފާހަގަކުރައްވާ، އެއިންޖީނު ގެއަކީވެސް މިހާރު ފެނަކައިގެ ދަށަށް ބަދަލުކޮށް އައު އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ލަފާފުރުން ދަތިވެފައި ހުރި ރަށްރަށުގެ ބަނދަރު ހެދުމުގެ މަޝްރޫއު 125 ރަށެއްގައި ކުރިއަށްދާ ކަމަށާ 52 ރަށެއްގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް ވިދާޅުވިއެވެ. އަދި 42 ރަށެއްގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ޓެންޑަރިންގ މަރުހަލާއާއި އީއައިއޭ ހެދުމުގައި ވެސް 31 ރަށެއް އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ ބިން ހިއްކުމުގެ 21 މަޝްރުއެއް ކުރިއަށްދާކަ ވެސް ފާހަގަކުރައްވާފައެވެ.