ވެރިކަމަކީ ވަރަށް ޒާތެއްގެ އެއްޗެކޭ މީހުން ބުނާތީ އަބަދުވެސް އަޑުއިވެއެވެ. ވެރިކަން ކޮށްފިނަމަ އެއާހެދީ އަބަދު އުޅޭނެޔޭވެސް މީހުން ބުނެއެވެ. މިއީ އެންމެންގެ އުސޫލު ނޫނޭވެސް މީހުންބުނެއެވެ. ވެރިކަމަށް އަންނަން ތަފާތު ވައުދުތައް ވާނެއެވެ. އެ ފުއްދޭނެތޯ ނުނީ ނުފުއްދިއްޔާ ހަދާނީ ކީއްތޯވެސް ބަލާނެ ކަމެއްނެތެވެ. ވެރިކަމަށް އަންނަން ބޭނުން ވެއްޖެނަމަ ދެން ހުރި މީހާގެ އަބުރަކީ އަދި ހަމައެކައްޗެއްވެސް ނޫނެވެ. އެ ކަތިލައި ކައި އެއިން ކުޅިމަސް ހަދާ ހަވަރަށްވެސް ދޭންވީއެވެ. މިއީ ބައެއް މީހުން ވެރިކަން ހޯދަން އުޅޭ ގޮތެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފޯރިވެސް މިއޮތީ ގަދަވެފައެވެ. ގިނަ މެމްބަރުންނާ ސަޕޯޓަރުންނާއެކު މިވަގުތު އެންމެ ކުރީ ސަފުގައި ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ކުދި ރަށްތަކުގެ ތަރައްގީ މެކުހަށް ޖައްސަވައިދެއްވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު ކެމްޕެއިނަށް ވަޑައިގަންނަވާ ކޮންމެ ރަށަކުން މަރުޚަބާ ކިޔުއްވަން ނިކުންނަ މީހުންގެ އަދަދުން އިދިކޮޅުން މޭކަރާ މަންޒަރު ދަނީ ފެންނަމުންނެވެ. އޭގެ މަންޒަރެއް ރޭ ޑިމޮކްރޭޓުންގެ ހަރުގެތެރެއިން އުތުރިއެރި މަންޒަރު ދިވެހިންނަށް ފެނި މިތިބީ ހަމަކޮސްވެފައެވެ.
އެމްޑީޕީގެ ރައީސް ކަމާ މަޖިލިހުގެ ރައީސް ކަމުގައި ހުންނަވައިގެން ވެސް ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ނުކުރެއްވުނީއެވެ. އެމްޑީޕީގެ ގިނަ މެމްބަރުން ޖެއްސެވީ "ނޯ" އެވެ. މެމްބަރުން ވިދާޅުވީ ތިމަންނާމެންނަށް ޕާޓީގެ ލީޑަރު ދެވަނަ ދައުރަކަަށް ގެންނަން މާ ބޮޑަށްވެސް ފެންނަ ކަމަށެވެ. މިކަން ރައީސް ނަޝީދަކަށް ހަޖަމެއް ނުކުރެވުނެވެ. ނަތީޖާއަކަށް ރައީސް ސޯލިހްގެ އަބުރު ކަތިލުމުގެ ސިލްސިލާ މެކުހަށް ޖެއްސެވީ އެވެ. އޭރު ދެއްކެވީ 4 ގަނޑު ފޮޓޯއެއްގެ ވާހަކައެވެ. އެއީ ދޮގެއްކަން ސާބިތުވުމުން އެކަންވެސް އޮޅުވާލީއެވެ،
ރިޔާސީ އިންތިޚާބަށް މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް މިހާރު ދެއްކެވީ އަނެއްކާވެސް މާމޮޅު ވާހަކައެކެވެ. ތިމަން މަނިކުފާނާ ރައީސް ސޯލިހް ރައީސްކަމަށް ވާދަކުރައްވާވަރަށްވުރެ މުސްކުޅިފުޅުވި ވާހަކައެވެ. ރައީސް ސޯލިހް މުށެއް ފުރާ ކޮންމެ ދުވަހަކު ހެނދުނު ބޭއްސް ފަރިއްކުޅުއްވާ ވާހަކައެވެ. "މާތްކަލާކޯއެވެ. ހައިރާންވެ އަންތަރީހެއް ނުވާނެހެއްޔެވެ. ތަނެއްގެ ޕޯޑިއަމަކަށް އަރާވަޑައިގެންނެވުނީމާ ތިޔަ ހުންނަވަނީ އާސުމާނުގައި ހެއްޔެވެ." މިއީ އެމަނިކުފާނު އެދެއްކެވި ވާހަކަތަކަށް މީހުން ކުރި ކޮމެންޓްތަކެވެ.
ހަގީގަތުގައި ވެސް ހައިރާންވާހާވެއެވެ. މީގެ މަސްތަކެއް ކުރިން ރައީސްކަން ކުރައްވަން ބޭނުންފުޅުވެގެން ލޮލަށް ނިދިވެސް ނާންނާތީ އުޅުއްވި ބޭފުޅަކު މިއަދު ކުއްލިއަކަށް އެމަނިކުފާނަށް ތާއީދެއްނެތްކަން އެނގި ވަޑައިގަތުމުން، ޕާޓީން ނެރުއްވަން އުޅުއްވާ ޒުވާން ކެންޑިޑޭޓަށް ތާއީދު ހޯއްދެވުމަށްޓަކައި މޮޅު ވާހަކަތަކެއް ދެއްކެވީމަ ހައިރާންވާނެ ނޫންތޯއެވެ. ރައީސްކަން ކުރައްވާ ބޭފުޅަކީ ބޮލުގައި ނުރައެއް ނެތް، ބޭސް ގުޅައެއް ކާންނުޖެހޭ ބޭފުޅެއްކަމުގައި ވާންޖެހޭނެކަމަށް ލިޔެފައި އޮތީ ކޮން ފޮތަކުތޯއެވެ.
ތިމާގެ އަނގައިން ބޭރުވާ ބަސްތަކުގެ ކޮށިކަމުން ރައްޔިތުން ކުރަމުންދިޔަ ތާއީދު ގެއްލި އަމިއްލަ ޕާޓިވެސް ގެއްލުނީމާ އެވީ އެހުރިހާއެއްޗެއް ރޫޅާ އިރާ ކުދިކޮށްލަންތޯއެވެ. ވެރިކަމާހެދި ތިމާ މީހާ ކިތަންމެ ވަރަކަށް އުޅުއްވިޔަސް ގޮވަންވީ ވެރިކަމާހެދީ އެހެން މީހުން އެހާވަރަށް އުޅެން ހެޔޮނުވާނެއޭ ތޯއެވެ. ހެޔޮނުވާނެއެވެ. ޕޯޑިއަމްތަކަށް އަރާ ކޮސްގޮވުން ހުއްޓާލާށެވެ. މީހުންގެ ޒާތީ ކަންކަމުގެ ވާހަކަ ދެއްކުމަށްވުރެ ހައިސިއްޔަތު ފެންނަ ފަދަ ވާހަކަތައް ދެއްކެވުން މާ ރަނގަޅުވާނެއެވެ.