ޅެންވެރިކަމާއި ތަމްސީލް/ޑްރާމާ ކުޅުއްވުންފަދަ ދާއިރާތަކުން ދިވެހި އަދަބިއްޔާތާއި ފަންނުވެރިކަމަށް އަގުޖުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަންނުވެރިޔާ، ކ. މާލެ، މާފަންނު ހާވިލާ، އަހުމަދު ޝާހިދު ހަލީމް ވަނީ އުމުރުން 77 އަހަރުގައި މިއަދު އަވަހާރަވެފައެވެ.

ޝާހިދު ހަލީމް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުން މިއަދު ހެނދުނު އައިޖީއެމްއެޗް ހޮސްޕިޓަލްގައެވެ. ހޮސްޕިޓަލް ވެންޓިލޭޓަރުގައިވެސް ފަރުވާ ދެއްވިއެވެ.

އުމުރުފުޅުން ދޮށި ނަމަވެސް އަހުމަދު ޝާހިދު ހަލީމް އަދަބިއްޔާތަށް ކުރެއްވި ހިދުމަތްތަކަކީ އަދުގެ ހަގު އުމުރު ފުރައިގެ ޖީލުވެސް ހަނދާނުގައި ހަރުލަފައިވާނެ އަގުހުރި ހިދުމަތްތަކެވެ. މަޖާޒީ މިޒާޖެއްގެ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވޭ ޝާހިދަކީ 1980 ގެ ފަހުކޮޅު ދިވެހިންގެ ހިތްތައް ޓީވީމޯލްޑިވްސްގެ ޑްރާމާ ’ބަހަބަރު‘ އިން އެތައްބަޔަކު ހެއްވާލީ ކޮމީޑިއަނެކެވެ. ފަންނުވެރިކަމުގައި ތަމްސީލު ކުޅުއްވުމުގެ ރޮނގުން އާންމުންގެ މަގްބޫލުކަން ހޯއްދެއްވި ބޭފުޅެކެވެ.  ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ބައެއް ޑްރާމާތަކުންވެސް ޝާހިދުގެ އަޑު ފާހަގަ ކުރެވެއެވެ.

ޒުވާން ދުވަސްވަރުން ފެށިގެން ފަންނުވެރިކަމުގައި މަޝްހޫރު ނަމެކެވެ. ޅެންވެރިކަމުގައިވެއް އެހާމެ ކުޅަދާނައެވެ. އޭނާ ހެއްދެވި ސަމާސާ އަދަބުގެ އެތަކެއް ޅެންތަކެއް، ދިވެހި ބަހާ ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުން ކުރިން ނެރެމުން ދިޔަ ފަތްތޫރަތަކުން ފާހަގަ ކުރެވޭނެއެވެ.

މީގެ އިތުރުން  1980 ގެ ތެރޭގައި ތަމްސީލު ކުޅުއްވުމުގެ ރޮނގުން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމްވެސް ހޯއްދެވިއެވެ.

އަދަބީ ރޮނގުން މޮޅު ހުނަރުތަކެއް ދޫކުރައްވާފައި މިއަދު ދެމިއުތުމުގެ އާލަމަށް ދަތުރު ކުރެއްވި ނަމަވެސް އެ ހަނދާންތައް ތާ އަބަދު ދެމި ހުންނާނެއެވެ. މިއަދުވެސް އޭނާ ހެއްދެވި ޅެންތައް ފަދަ ލިޔުންވުންތަކަކީ ސުކޫލު ދަރިވަރުންގެ ޝަރަހަތަކާއި ތަމްރީނުތަކުގައި ބޭނުން ކުރަމުން އަންނަ އަދަބީ ބަހާތަކެކެވެ.

އަހުމަދު ޝާހިދު ހަލީމްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ މަޣްރިބް ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *