ޚަބަރު
މަޝްރޫތައް ހުއްޓިފައިވާކަމަށް ދައްކާ ވާހަކަ ރައީސް ދޮގުކުރައްވައިފި

މަޝްރޫތައް ހުޓިފައިވާކަމަށް ދައްކަމުންދާ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވައިފި އެވެ.

ރައީސް މިހެން ވިދާޅުވީ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އޭނާގެ ސުވާލު އަމާޒުކޮށްފައިވަނީ ކުރިން ހިންގަމުން އައި މަޝްރޫތައް މިހާރު ހުއްޓާލާފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަށެވެ.

ރައީސް ވިދާޅުވީ މަޝްރޫތައް ހުއްޓާލިކަމަށް ބުނެ އިދިކޮޅުން ދައްކަމުންދާ ވާހަކައަކީ އެމަނިކުފާނާއި ދެކޮޅަށް ފަތުރަމުންދާ ހަގީގަތާ ހިލާފު ވާހަކަތަކުގެ ތެރެއިން އެންމެ ބޮޑު ދޮގު ކަމަށެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވީ އިރުވެސް އިދިކޮޅުން މިހާރު ފާހަގަ ކުރަމުންދާ މަޝްރޫތައް އޮތީ ހުއްޓިފައިކަން ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ. ރައީސް ވިދާޅުވީ ކުރީ ސަރުކާރުގެ ދުވަސްވަރުވެސް އެ މަޝްރޫތައް ހުރީ ހުއްޓިފައިކަމަށާއި އެކަންކަމަށް އެ ރަށްރަށުގެ ރައްޔިތުން ހެކިވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު އެމަނިކުފާނު ރަށްރަށަށް ވަޑައިގެންނެވި އިރުވެސް ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް ބައިވަރު މަޝްރޫތައް ހުއްޓިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

އަޅުގަނޑަށް ފެނުނު ރަށްރަށުގައި ފެނާއި ނަރުދަމާގެ ހޮޅިތައް މަގުމަތީގައި ހުރިއިރު މަސައްކަތް ކުރާނެ މީހަކު ނެތް. މަގު ހަދަން ފަށާފައި މީހެއްގެ ހިލަމެއް ނެތް. މިހެން ހުރި ބަނދަރުތަކުގެ މައްސަލަ، ސްކޫލް އިމާރާތް ފަށާފައި އޮނިގަނޑުން ކޮންމެވެސް ވަރެއް ނިންމާފައި. އަހާލީމަ މީގެ ދެ އަހަރު ކުރިން ހުއްޓިފައި ކަމަށް ބުނަނީ.

މިދިޔަ ސަރުކާރުގެ ކަންކަން ހުރީ މިހެން ކަމަށާއި އެކިފަހަރު މަތިން މަޝްރޫތައް ހުއްޓި އެކި ފަރާތްތަކާ މަޝްރޫތައް ހަވާލުކޮށް އެތަށް ބަޔަކަށް ފައިސާ ނުދީ ހުރިކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މަސައްކަތްތައް ހަވާލުކޮށް ފައިސާ ނުދިނުމުގެ ސަބަބުން މި ސަރުކާރުން ވެރިކަމާ ހަވާލުވީ އިރު އެކި ކުންފުނިތަކަށް ދައްކަން ޖެހޭ 9 ބިލިއަނެއްހާ ރުފިޔާ ހުރިކަމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިންވެސް ފާހަގަ ކުރައްވާފަ އެވެ. އަދި އެ ފައިސާތައް މިހާރު ދައްކަމުން ދާކަމަށާއި މަސައްކަތްތައްވެސް މިހާރު ފަށާފައިވާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top