މިއަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާ ގުޅޭ ހަރަދުތައް ކުރުމަށްޓަކައި، އެކަމަށް ހާއްސަ ބޭންކް އެކައުންޓެއް ރާއްޖޭގައި ހިންގާ ބޭންކެއްގައި ހުޅުވަން އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ. އަދި މި އެކައުންޓު ވާން ޖެހޭނީ މުޅިން އަލަށް ހުޅުވާ އެކައުންޓެއްކަމަށްވެސް އީސީން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ އެކައުންޓް ހުޅުވަން ޖެހޭނީ ކެންޑިޑޭޓުގެ ނަމުގައި ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބާ ގުޅޭ އެންމެހައި ޚަރަދުތައް ކުރުމަށްޓަކައި، އެކަމަށް ޚާއްޞަކުރާ ބޭންކް އެކައުންޓެއް (އަލަށް ހުޅުވާ އެކައުންޓެއް) ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި، ކެންޑިޑޭޓުގެ ނަމުގައި، ހުޅުވަންވާނެ.
ރިޔާސީ އިންތިޚާބުގެ ކޮންމެ…— Ismail Habeeb (@IsmailHabeeb) July 8, 2023
ރިޔާސީ އިންތިހާބުގެ ކޮންމެ ކެންޑިޑޭޓަކުވެސް، އިންތިހާބާ ގުޅިގެން ކުރާ އެންމެހައި ހަރަދެއް ކުރަންވާނީ، އަލަށް މި ހުޅުވާ ބޭންކް އެކައުންޓް މެދުވެރިކޮށް ކަމަށާއި، އަދި އިންތިހާބާ ގުޅިގެން ކެންޑިޑޭޓަށް ލިބޭ އެންމެހައި ފައިސާގެ އެހީވެސް ޖަމާކުރަންވާނީ އަލަށް ހުޅުވާ މި އެކައުންޓަށް ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
ހަބީބު އިތުރަށް ވިދާޅުވީ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން، އެފަދަ އެކައުންޓެއް ފަސޭހައިން ހުޅުވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އީސީން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ މިހާރު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ބޭންކުތަކާ ވާހަކަ ދައްކަވައިގެން، އެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެމްއެމްއޭއިން ބުނެފައިވާ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.