ރީތި ފޭރާންލުމަކީ މުހިންމު ކަމެއް ކަމަށާއި، އެހެންނަމަވެސް އެފޭރާމުން ކަންދެއްކުމާއި، ބޮޑާކަމުގެ ޝިކާރައަކަށް ވެގެން ނުވާނެ ކަމަށް ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާގައި ބުނީ އިސްލާމްދީނަކީ އާލަމްތަކަށް ރަހުމަތެއް ގޮތުގައި ﷲ ބާވައިލައްވާފައިވާ މާތް ދީން ކަމަށާއި، އެ ދީނަކީ ވަރަށް މަތިވެރި އަސާސްތަކެއް ކަނޑައަޅުއްވާފައިވާ ދީނެއްކަމަށެވެ. އޭގެ ތެރޭގައި، އިންސާނާގެ މުޅި ދިރިއުޅުމުގެ ހުރިހާ ކަމަކަށް ބޭނުންވާނެ ހަމަތަކާއި އުސޫލުތައް ލައްވާފައިވާއިރު، އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަތިވެރި އެއްސިފައަކީ ސާފުތާހިރުކަން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
''އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީން'' މި މަޢުލޫއަށް މިއަދުގެ ޚުޠުބާ އިއްވާފައިވާއިރު ޚުޠުބާގައި އިތުރަށް ބުނެފައިވަނީ މާތްﷲއަށްޓަކައި މުސްލިމުން އަދާކުރަންޖެހޭ އަޅުކަން ސައްހަވަނީ ދެ ހަދަސުން ތާހިރުވެ، ސާފުތާހިރުކަންމަތީ ހުރެ އަޅުކަން އަދާ ކުރުމުން ކަމަށެވެ. އަދި މީގެ އިތުރުން ސާފުތާހިރު ފޭރާމެއްގައި އެ އަޅުކަން އަދާކުރުމުން ކަމަށެވެ. ޚުތުބާގައި ބުނީ ނަމާދު ކުރުމާއި، ތަވާފު ކުރުމަށް ނަޖިހުން ތާހިރުވުމާއި، ހިނައިގަތުން ފަދަ ކަންކަމަކީ އިސްލާމް ދީނުގައި ޝަރުއު ކުރެވިގެންވާ ކަންކަމެއް ކަމަށެވެ.
އަދި ސާފުތާހިރުކަމަކީ އީމާންކަމުގެ އެއްބައި ކަމަށްވާއިރު ސާފުތާހިރުވެ އުޅުނު ބަޔަކަށް ކީރިތި ޤުރްއާނުގައި މަދަޙަ އާއި ތަޢުރީފުގެ ބަސްތައް މާތް ﷲ ވަހީކުރައްވާފައިވެއެވެ.
އަދި މީގެ އިތުރުން އަޅުކަމަކީ އިންސާނާއަށް ރޫހާނީ ސާފުތާހިރުކަމެއް ގެނެސްދޭ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ ތިމާގެ ހަށިގަނޑާއި، ފޭރާމާއި، ދިރިއުޅޭ ވެށީގެ ސާފުތާހިރުކަމަކީ އަޅުކަން ގަބޫލުވުމާއި މާތްﷲ ގެ ރުއްސެވުމާއި އެކިއެކި ބަލިމަޑުކަމުން ރައްކާތެރިވުމުގެ ވަސީލަތެއް ކަމަށެވެ.
މިއަދުގެ ޚުޠުބާގައި ސާފުތާހިރުކަމަށް އަލިއަޅުވާލާ އިތުރަށްބުނީ ފަރުދީ ސާފުތާހިރުކަން ނުވަތަ ޝަޙުޞީ ސާފުތާހިރުކަމަކީވެސް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވައިފައިވާ ކަމެއްކަމަށެވެ. އެގޮތުން ނިޔަފަތި ކެނޑުމާއި، ކިހިލި ފަށްދަށުން އިސްތަށި އުފުރުމާއި، މަތިމަސް ކުރު ކުރުން ފަދަ ކަންކަމަކީ ފަރުދީ ސާފުތާހިރުކަމުގެ ތެރޭގައިވާ ކަންތައްތަކެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އިސްލާމްދީނުގައި ސާފުތާހިރުކަމުގެ ދާއިރާ ވަރަށް ފުޅާ ކަމަށާއި، މަގުމަތި ސާފުތާހިރުކޮށް ބެލެހެއްޓުމަކީ ވެސް އަޅުކަމެއް ކަމުގައި ޚުޠުބާގައިވަނީ ފާހަގަ ކޮށްފައެވެ.