ރާއްޖެތެރެއާއި މާލޭގެ ތަފާތަކީ ޒަމާނުންސުރެ ދިވެހިން ތަހަންމަލު ކުރަމުން އައި ހިތި ހަޤީގަތެކެވެ. ވެރިކަމުގެ ބާރުތައް ޖަމާކޮށްފައިވާ އޮތް މާލެއިން އެ ބާރުތައް ޖަޒީރާތަކަށް ބަހާލުމުގެ ސިޔާސަތަކީ އެމްޑީޕީން އުފަންކުރި ސިޔާސަތެކެވެ. ލާމަރުކަޒީ ރާއްޖެ އަކާއި ދިމާލަށް ގައުމު ދީލާލީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުން 2008 ވަނަ އަހަރެވެ.
އެހެންނަމަވެސް އެމްޑީޕީން އޭރު ދެކެމުން އައި ހަޤީޤީ ޖަޒީރާ ތަރައްޤީ އެ ސަރުކާރަކަށްވެސް ރަށްތަކަށް ހޯދައެއް ނުދެވުނެވެ. މަސައްކަތްތަކެއް ފެށިއެވެ. ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަކަށް ނުގެންދެވުނެވެ. ވެރިކަމުގެ ބޭރުން އައި ޕްރެޝަރުތަކަށް ކެތް ނުކުރެވި އޭރުގެ ރައީސް އިސްތިއުފާ ދެއްވުމުން، ސަރުކާރު ބަދަލުވެ ކުރިން ފެށި ގިނަ ކަންކަން މަޑު ޖެހި ހުއްޓުނީއެވެ.
"ވަތަން އެދޭ ގޮތަށް" ކޯލިޝަނާއި އެކު އޭރުގެ ސަރުކާރަށް ކުރިޔަށް ނުދެވި ވެރިކަމުގެ ކުރީކޮޅު އިއްތިހާދުވެސް ރޫޅުނީއެވެ. ފަހަރުގައި އާ ކަމެއް ހިތުއަޅައިގެން އާ ކަމެއް ކުރަން އުޅުމުން އޭރުގެ ރައީސްއަކަށް ހުންނެވި ބޭފުޅާއަށް ކަންކަން ދާންވީ މިސްރާބުގެ އޮޅިވަޑައިގެންނެވީ ކަމަށް ވެދާނެއެވެ. ނުވަތަ ވެރިކަމުގެ ކުރީކޮޅު އަމާޒެއް އަދި ޕްލޭނެއް ނެތި ކުރިޔަށް ވަޑައިގަންނަވަން އުޅުނީ ކަމަށްވެސް ވެދާނެއެވެ.
ޖަޒީރާ ތަރައްޤީ ގެނެވޭނީ އަމާޒެއް އޮވެ ޕްލޭންތަކެއް ކުރެވިގެން
- ހިތްގައިމު ދަތުރުފަތުރުގެ ނިޒާމެއް
އެމްޑީޕީގެ އޭރުގެ ސަރުކާރަށް ނުކޮށްދެވުނު އެތައް ކަމެއް އަދުގެ ސަރުކާރުން ރައްޔިތުންނަށް ކޮށްދީފިއެވެ. ދަތުރު ފަތުރުގެ ނިޒާމަށް ހައި ސްޕީޑް ފެރީ ތައާރަފްކޮށް އިހުގެ ފެރީތަކުގައި ކުރި ދިގު ދަތުރުތައްމަތިން ދިވެހިން ހަނދާން ނެތިއްޖެއެވެ. ބޮޑު އަގުގައި ލޯންޗްފަހަރާއި އޮޑި ދޯނި ފަހަރު ހިފައިގެން އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުންތަކަށް ކުރަމުން އައި ދަތުރުތައް އާރްޓީއެލް ފެރީއަށް ބަދަލު ކުރެވިއްޖެއެވެ.

ބޮޑު ތިލަދުންމަތި އާރްޓީއެލް ފެރީން ގުޅާލުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހާއި ސީއީއޯ އާޒިމް
އުފާވެރި އަމާން ރާއްޖެއަކަށް ވާސިލުކޮށްދިނުމަށް މި ސަރުކާރުގެ އާރްޓީއެލް ފެރީގެ ނިޒާމާއި އާރްޓީއެލް ބަހުގެ ނިޒާމުގައި ދަތުރުފަތުރުކުރާ ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުނާއި ކުޑަކުދިންނާއި ސުކޫލު ކުދިންނަށް ހިލޭ ދަތުރުކުރެވޭ އުސޫލަކީ ރައްޔިތުން ހެއްވާލަދިން މުހިންމު ކަންކަން ކަމެވެ.
- ކުޅިވަރު އެހެން ލެވެލަކަށް
މާލޭގެ އަބުއިކަމާއި ހައިބަތުގެ ބޮޑުކަމުން ކުޅިވަރަކީ ހަމައެކަނި މާލޭގައި ކުޅެން ޖެހޭ އެއްޗެއް ކަމަށް ދެކެމުން އައި ވިސްނުން، އެއީ އެހެން އޮންނަންވީ ކަމެއް ނޫންކަމަށަ ހާމަކޮށްދީ އިހުގެ އެ ސަޤާފަތް ބަދަލުކޮށްލަދިނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. ފެންވަރު ރަނގަޅު ޓާފް ދަނޑުތަކާއި އަންހެންވެރިންނާއި ފިރިހެން ވެރިންނަށް ބޭނުން ކުރެވޭ ކުޅިވަރު ކޯޓުތަކުން މުޅި ރާއްޖެ އެދަނީ ފެހި ކޮށްލަމުންނެވެ.
ރީތި ވަސީލަތްތަކެއް ގާއިމުކުރުމަކުން އަދި މި ސަރުކާރަކަށް ނުފުދެއެވެ. އުތުރާއި ދެކުނުގައިވެސް ކުޅިވަރު ކުރިއަރުވަން މި ސަރުކާރު ބޮޑު ހޭދައެއް ކުރެއެވެ. ކުޅިވަރުގެ ދާއިރާއިން ބައިނަލްއަގްވާމީ މައިދާނުގައި ރަންވަނަތައް ހޯދާ ދިވެހިންގެ އަދަދު އިތުރުކުރުމަށް ކުޅިވަރުގެ ދާއިރާއިން ތަމްރީނާއި ތައުލީމުގެ ފުރުސަތުތައް ރާއްޖެ އާއި ރާއްޖޭން ބޭރުންވެސް އެ ދަނީ ފަހިކޮށްދެމުންނެވެ.
އަދި އަޅާނުލާ ދޫކޮށްލާފައި އޮތް ކިތަންމެ ކުޅިވަރެއް އަލުން ކޮޅަށް ޖެހުމަށް ސްޕޯޓްސް މިނިސްޓްރީން އެ ގެންދަނީ ކުޅިވަރު އެސޯސިއޭޝަންތަކާއި އެކު ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ބިނާ ކުރުމާއި އެކު ކޮމިއުނިޓީ ސެންޓަރުތައް އަޅާ ރަށްރަށުގެ ޒުވާނުން މުނިފޫހި ފިލުވޭނެ ޒަމާނީ ވަސީލަތްތައް އެތައް ރަށެއްގައި ގާއިމުކޮށްދީފިއެވެ.

ހުޅުމާލެ ފޭސް 2 ގައި ހުޅުވި ޒުވާނުންގެ މަރުކަޒުގައި މިނިސްޓަރ މަހްލޫފް އާއި އެޗްޑީސީގެ އެމްޑީ ސުހައިލް
ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވާހެން ރައީސް ސޯލިހު މިވަނީ ކުޅިވަރުގެ ދާއިރާއިން ރާއްޖެ މުޅިން އެހެން ލެވެލަކަށް ގެންގޮސްދެއްވާފައެވެ.
މާލެއިން ބޭރުގައި ޤާއިމުކުރި ފުރަތަމަ ޓެނިސް ކޯޓު އެވަނީ ޅ. ނައިފަރުގައި ގާއިމުކޮށްފައެވެ. ސްޕޯޓްސް އެރީނާ އާއި ނޭޝަނަލް ސްޓޭޑިއަމް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ޕްލޭންތައް ހެދި އަމަލީ މަސައްކަތް ފެށުމާއި އެވަނީ ދާދި ގާތުގައެވެ. ޒުވާނުން ހެއްވާލަދީ ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ބައިނަލްއަގްވާމީ ކުޅުންތެރިންނާއިއެކު މުބާރާތްތައް ކުޅެލާ އެމީހުންގެ ހުނަރުން ހުނަރު ލިބިގަތުމަށް ރައީސް ސޯލިހު ވަނީ އެތައް މަގެއް ކޮށްޓަވާދެއްވާފައެވެ. އެމަގުން އަދިވެސް ކުރިޔަށް ދެވޭނެ އިތުރު 5 އަހަރަކަށް އަނެއްކާވެސް މި ސަރުކާރުން އެ ދަނީ އަމާޒެއް އޮވެ ޕްލޭންތައް ހަދަމުންނެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ނައިފަރުގައި އަޅާފައިވާ ޓެނިސް ކޯޓު، މިއީ މާލެއިން ބޭރުގައި އެޅި ފުރަތަމަ ޓެނިސް ކޯޓު
- ކުރީ ސަރުކާރުތަކުން އިހުމާލުވި އަސާސީ ހިދުމަތްތައް
އަމާން ރާއްޖެއަކަށް މި ޖަޒީރާ ރީތި ރަށްތައް ވާސިލުކޮށްދިނުމަށް މިސަރުކާރުން ކުރިޔަށް ގެންދާ އެންމެ މުހިންމު މަޝްރޫއުތަކަކީ ތަފާތެއްނެތި އަސާސީ ހިދުމަތްތައް ޤާއިމު ކޮށްދިނުމެވެ.
ކުރީގެ ސަރުކާރުތަކުން އިންތިހާބުތަކާއި ދިމާކޮށް ކަޑަޖަހާ އުސޫލުން ރަށްރަށުގައި ފެނުގެ ނިޒާމާއި ނަރުދަމާ އާއި ދަތުރުފަތުރުގެ ނިޒާމާއި މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފެށިއެވެ. އެއީ ސިޔާސީ ވެރިން ކަންކުރަމުން އައި ޒަމާންވީ ސިޔާސީ ސަޤާފަތެކެވެ. ނަމަވެސް އެ ސަޤާފަތްވެސް މި ސަރުކާރުން މި ވަނީ ބަދަލުކޮށްފައެވެ.

ރައީސް ސޯލިހު ފަރެސްމާތޮޑާގައި އޮތް އެކްސްޕޯގައި
ރަށްރަށުގައި ފެނާއި ނަރުދަމާއާއި ފަސޭހަކަމާއެކު ލަފާފުރޭނެ ގޮތް ހެދުމަކީ ކޮންމެހެން ބޭނުންވާ މުހިންމު އަސާސީ ހިދުމަތްތަކެއް ކަމަށް މި ސަރުކާރުން ދެކެއެވެ. މި ދައުރު ނިމޭއިރު ނަރުދަމާއާއި ފެނުގެ ނިޒާމު ނެތް އެއްވެސް ރަށެއް ނޯންނާނެ ކަމަށް ސަރުކާރުން ބުނެއެވެ.
އޮޑި ދޯނި ފަރަހަށް ފަސޭހައިން ލަފާފުރޭނެ ބަނދަރުތަކާއި އަމިއްލަ ރަށުގައި ޒަރޫޒީ ބޭނުންތައް ފުއްދައިގެން އުޅޭ ފަހުރުވެރި ތަނަވަސް ދިވެހި މީހާ އުފެއްދުމަކީ މި 'ޖަޒީރާ ރާއްޖެ' ޝިއާރުގެ ދަށުން ފެށި ސަރުކާރުގެ އެންމެ މުހިންމު އެއް ބޭނުމެވެ. އެހެންކަމުން މި ސަރުކާރުން ވީ ވައުދާއި އެއްގޮތަށް އެކަންކަން އެދަނީ ފުރިހަމަ ވަމުންނެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި މެންޓަލް ހެލްތް ސެންޓަރު ހުޅުވުން - ފޮޓޯ: ރައީސް އޮފީސް
ނޫ އިގްތިސާދާއި ވިލުންވެރި މުޖުތަމައާއި ސިއްހީ ދާއިރާއަށް އިތުރު ފުރިހަމަކަމެއް ގެނައުމަށާއި، އެ ފުރިހަމަކަން މާލެއަށް ޖަމާކުރުމުގެ ބަދަލުގައި އެ ދަނީ ހުރިހާ އަތޮޅުތަކަށް ބަހާލަމުންނެވެ. ޓާޝަރީ ހޮސްޕިޓަލްތައް ގާއިމު ކުރުމާއި، ރީޖަނަލް ހޮސްޕިޓަލްތައް އަދި އަތޮޅު ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ވަސީލަތްތަކާއި އިކުއިޕްމެންޓް ހޯދުމަށްވެސް މި ސަރުކާރުން ބޮޑު ހޭދައެއް ކޮށްފިއެވެ. އިތުރު ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނު ކުރުމަށް ބޮޑު ހޭދައެއް އެދަނީ ކުރަމުންނެވެ.
- އިންސާނާ ތަރައްޤީ ކުރުން
ތަރައްޤީއަކީ ހިޔާ ޓަވަރުތައް ފަދަ އުސް އިމާރާތްތަކެއް ނޫނެވެ. ތަރައްޤީއަކީ އިންސާނާއަށް އަންނަ ތަރައްޤީއެވެ. ވިސްނުމާއި ފިކުރާއި ސިޔާސަތުތަކަށް ބޯލަނބާ ތަހުޒީބު މީހުން ބިނާނުކުރެވޭ މުޖުތަމައެއްގައި ކިތަންމެ އަގުބޮޑު އިމާރާތްތަކެއް އެޅި ނަމަވެސް ތަހުޒީބެއް ފެންނާކަށް ނުހުރެއެވެ.

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސޮކްލަރޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވުމުގެ ޙަފްލާ
ރާއްޖޭގެ ތަރައްޤީއާއި ގުޅިފައިވަނީ ދިވެހި ސިކުނޑިތަކުގެ ތަރައްޤީއެވެ. މީހާއަށް އިލްމާއި ހިލްމާ މަސައްކަތުގެ ތަޖްރިބާ އާއި ގާބިލުކަން ނުލިބޭނަމަ އޭނާގެ ބޭނުން ގައުމަށް ހިފޭނެ ގޮތެއް ނެތެވެ. ސަރުކާރުން ކޮންމެ ބޮލަކަށް ކުރާ ހޭދައާއި އެއްވަރަށް ސަރުކާރަށް ނުވަތަ ގައުމަށް ކޮށްދެވޭނީ ކޮން ހިދުމަތެއްތޯ އަމިއްލައަށް ދެނެގަނެ އެކަން ކުރުމުގެ ޕްލޭނެއް ނެތް މީހަކީ ގައުމަށް ފައިދާ ހުރި މީހަކަށް ނުވެދާނެއެވެ.
މުޖުތަމައުން ތިމާ އެކަހެރިވެ ދަނީ ތިމާގެ އިލްމީ ގާބިލުކަމާއި މުރާލިކަމާއި ހުނަރެއް ނެތުނީމާ ކަމަށްވެސް ވެދާނެއެވެ. ނުބައި އާދަތަކުގެ ޝިކާރައަކަށްވެ މަސްތުވާ ތަކެއްޗާއި ވައްކަމާ މާރާމާރީގެ ދުނިޔެއަށް ނިކުމެވޭ ޒުވާނުންނަކީ މުޖުތަމަށް ކޮންމެވެސް ހިދުމަތެއް ކޮށްދެވޭނެ އަނބުރާ މުޖުތަމައަށް ގެނެވޭނެ މީހަކަށް ހެދޭނި ޅަފަތުން ފެށިގެން ދެވޭ ތައުލީމާއި ތަމްރީނަކުންނެވެ. މަގުމަތީގައި ބިއްޖެހިފައި އިންނަ ޒުވާނާ ޖަލުގެ ކުޑަގޮޅިއެއްގައި ބަންދުކޮށްގެން ދައުލަތުން ބޮޑު ހޭދައެއް ކުރަން ވެއްޖެނަމަ ގައުމީ އުފެއްދުންތެރިކަން އިތުރުކުރުމަށް ލިބޭ އާމްދަނީ ދާނީ އެއްދުވަހުން އަނެއް ދުވަހަށް މަދުވަމުންނެވެ.

މިނިސްޓަރ އިމްރާން ގައިދީންނާ އެކު-- ފޮޓޯ: ހޯމް މިނިސްޓްރީ
ވީމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިސްކަން ދެނީ ޒުވާނުން މަގުތަކަށް ގިނަވެ ބިކަވެ ނުދާހެން ޕްރީ ސުކޫލު މަރުހަލާއިން ފެށިގެން ހިލޭ ޑިގްރީއާއި ހަމައަށަ ކޮންމެ ދިވެހި ދަރިއަކަށް ސަރުކާރުގެ ހަރަދުގައި ކިޔަވައިދިނުމަށެވެ. މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތުވެސް ދިނުމެވެ. ގްރޭޑް 10 އަކާއި ހަމައިން ތައުލީމީ ނިޒާމުން ނިކުންނަ ކުއްޖާއަށްވެސް ވޮކޭޝަނަލް ޓްރޭނިންނާއި، ޓިވެޓް އެޑިއުކޭޝަންގެ ފުރުސަތުތައް ހިލޭ ފަހިކޮށްދިނުމެވެ. އަދި ކުރު މުއްދަތުގެ ކޯސްތައް މޯލްޑިވްސް ޕޮލި ޓެކްނިކް ފަދަ ތަންތަނުން އެދަނީ ހިންގަމުންނެވެ. އެކުދިންނަށް ބޭނުންވާ ހިތްވާރާއި އެއްބާރުލުން މުޅި މުޖުތަމައުންވެސް ދޭ ނަމަ މިއަދު އޮންނާނީ ޒުވާން ތައުލީމީ ގާބިލު މުރާލި މަސައްކަތެރި ޖީލެއްކަން ކަށަވަރެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާ ސަރަހައްދަށް ރައީސް ކުރެއްވި ޒިޔާރަތެއްގައި ކުޑަކުއްޖަކާއި އެކު ފޮޓޯއެއް ނަންގަވަނީ
މި ހުރިހާ ފުރުސަތުތަކާއި އެކު އަންނަން އޮތް ޖީލަކީ ދުޅަހެޔޮ ތައުލީމީ ޤާބިލު ޖީލަކަށް ހެދުމާއި، ކުރީގެ ސަރުކާރުތަކުގެ އިހުމާލުން ބިދޭސީންގެ ބާރުގެ ދަށަށް ދިޔަ ގައުމުގެ އިގްތިސާދީ މުހިންމު ދާއިރާތަކާއި އިޖްތިމާއީ ދާއިރާތައް އަލުން އަބުރާ ދިވެހިންނަށް ހޯދައިދިނުމަށް ރައީސް ސޯލިހުގެ ސަރުކާރުން ޕްލޭނެއް އޮވެ އަމާޒެއް އޮވެގެން އެމަގަށް އެދަނީ ކަންކަން ވިލަރެސް ކުރަމުންނެވެ. ހިތްވަރުލާފައި މިކަމާ އުޅެންވީ ޒުވާނުންނެވެ. ކާބަފައިން ފަދަ މުރާލި އުފެއްދުންތެރި ބަޔަކަށްވެ މިއަށްވުރެ ވަރުގަދަ އިގްތިސާދެއް ބިނާ ކުރެވޭނީ މިއަދު ބޮޑެތިވަމުން އަންނަ މާދަމާގެ ޖީލަށެވެ. އެ ޖީލަށް ތައުލީމާއި ގާބިލުކަން އަދި އިގްތިސާދީ ބާރުވެރިކަން ހޯދައިދިނުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ.