ފޮޓޯ: އޭޕީ

ކަނޑުމަގުން ސްޕެއިނަށް އެތެރެވުމަށް މަސައްކަތް ކުރިގާތްގަނޑަކަށް ހާހެއްހާ މީހުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް މަރުވެފައިވާ ކަމަށް މޮނިޓަރިން ގުރޫޕަކުން ބުނެފިއެވެ.

މޮނިޓަރިން ގުރޫޕެއް ކަމަށްވާ، ކަމިނަޑޯ ފްރަންޓެރާސް (ވޯކިން ބޯޑާރސް) އިން ބުނީ މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ސްޕެއިންނާއި ހަމައަށް ކަނޑު މަގުން ދަތުރުކުރި 951 މީހުން މަރުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި 49 ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ.

ވޯކިން ބޯޑާރސް އިން ބުރާސްފަތި ދުވަހު އާންމުކުރި ރިޕޯޓެއްގައި ވަނީ ކަނޑުމަގުން ދަތުރުކުރާ މީހުންނަށް އެހީތެރިވާ 14 ގައުމެއް ފާހަގަ ކޮށް އެ ގައުމުތަކަށް ތައުރީފުކޮށްފައެވެ. އަދި ސްޕެއިން އިން ދަތުރުވެރިންނަށް އެއްބާރުލުން ނުދޭކަން ފާހަގަކޮށް އެ ގައުމަށް ފާޑުކިއުންތައް ރައްދުކޮށްފައިވެއެވެ.

ކަނޑުމަގުން ދަތުރު ކުރާ މީހުންނަށް އެހީތެރިވެދިނުމުގެ ކަންކަން އިންތިޒާމުކުރާ ގޮތް ފާހަގަކޮށް އެ މޮނިޓަރިން ގުރޫޕުން ތައުރީފުކޮށްފައިވާ 14 ގައުމަކީ އަލްޖީރިއާ، ކެމެރޫން، ކޮމޮރޮސް، ކޮންގޯ، އިތިއޯޕިއާ، ގިނީ، އައިވަރީ ކޯސްޓް، މާލީ، މޮރޮކޯ، ގެމްބިއާ، ސެނެގާލް، ސްރީލަންކާ، ސީރިއާ  އަދި ސޫދާނެވެ.

ވޯކިން ބޯޑާރސް އިން އާންމުކޮށްފައިވާ ރިޕޯޓްގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ހަތަރު ރޫޓަކުން ދަތުރުކުރާ ދަތުރުވެރިންގެ ތެރެއިން އެވްރެޖް ގޮތެއްގައި ކޮންމެ ދުވަހު 5 މީހަކު މަރުވެއެވެ. މި ދަތުރުވެރިން އުފުލާ އުޅަނދުތައް ދަތުރުކުރާ ހަތަރު ރޫޓަކީ، ކެނަރީ އައިލެންޑް ރޫޓް،  އަލްބޮރަން ސީ ރޫޓް، އަލްޖީރިއަން ރޫޓް، ސްޓްރެއިޓް އޮފް ގިބްރަލްޓަރ ރޫޓެވެ.

މި ރިޕޯޓް އެކުލަވާލާފައިވަނީ ރަސްމީ އިދާރާތަކުން ހޯދާފައިވާ މައުލޫމާލާއި، ރެފިއުޖީ ކޮމިއުނިޓީ ތަކާއި، ރެސްކިއު އޮގަނައިޒޭޝަންސްތަކުން ހޯދާފައިވާ މައުލޫމާތުގެ މައްޗަށެވެ. އެ ރިޕޯޓްގައިވާ ގޮތުން ޖެނުއަރީ 2023 ން ޖޫން 2023 އަށް ދަތުރުވެރިން ގޮވައިގެން ދަތުރުކުރި 19 ބޯޓެއް ހުރިހާ ދަތުރުވެރިންނާއި ފަޅުވެރިންނާއެކު ވަނީ ގެއްލިފައެވެ.

ސްޕެއިންނަށް އެތެރެވެވޭ ކެނަރީ  އައިލެންޑް ރޫޓަކީ އެންމެ ގިނަ އަދަދެއްގެ ދަތުރުވެރިން މަރުވިކަމަށް ރިކޯޓް ކުރެވިފައިވާ ރޫޓެކެވެ. އެ ސަރަހައްދުން 28 އިންސިޑެންޓެއްގައި 778 މީހުން  މަރުވެފައިވެއެވެ.

އަދި އަލްބޮރަން ރޫޓުން ދެ ހާދިސާއެއް ރެކޯޑް ކުރެވިފައިވާ ކަމަށާއި، އަހަރުގެ މިހާތަނަށް އެ ސަރަހައްދުން 21 މީހުން މަރުވި އިރު އަލްޖީރިއަން ރޫޓުން 8 ހާދިސާއެއް ހިނގާފައިވާކަމަށް ރިކޯޑް ކޮށްފައިވެއެވެ.  އެ ހާދިސާތަކުގައި 102 މީހުން މަރުވެފައިވާއިރު ސްޓްރެއިޓް ގިބްރަލްޓާ ރޫޓުން 11 ހާދިސާއެއްގައި 50 މީހުން މަރުވި ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ސްޕެއިންގެ ރިކޯޑުތަކުން ދައްކާ ގޮތުގައި މިއަހަރު އެގައުމަށް އެތެރެވެފައިވާ ބޯޑުތަކުގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު މަދެވެ. އެހެންނަމަވެސް އެކި ހާދިސާތަކުގައި މަރުވި ދަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހާއި އަޅާ ބަލާއިރު މިއަހަރު އިތުރު 13 މީހުން މަރުވިއެވެ.

ސްޕެއިންގެ އިންޓީރިއާ މިނިސްޓްރީން ބުނީ 12،192 މީހުން ބޯޓުތަކުގައި ކަނޑުމަގުން އެ ގައުމަށް މިއަހަރުގެ ފުުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި އެތެރެވެފައިވާ ކަމަށެވެ.

ކަމިނަޑޯ ފްރަންޓެރާސް (ވޯކިން ބޯޑާރސް) އިން ވަނީ ބޯޓުތަކުގައި އަންނަ ދަތުރުވެރިންނަށް ސްޕެއިން އާއި މޮރޮކޯއިން ދޭ އެއްބާރުލުން ކުޑަކަމަށް ބުނެ އެ ދެގައުމަށް ފާޑުކިޔާފައެވެ. އެގޮތުން ކަނޑުމަތީގެ ހާދިސާތަކުގައި ވަގުތުން ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ނުހިންގުމާއި، އެކަށީގެންވާ ވަސީލަތްތައް ދަތުރުވެރިންނަށް ފޯރޮކޮށްދީފައިނުވުމާއި، މީހުން ހޯދާ މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތަކުގައި އަމަލުކުރާ ގޯސް އާދަތަކެއް އެބަހުރި ކަމަށެވެ. އަދި މީހުން ސަލާމަތް ކުރުމަށްވުރެ ސްޕެއިން އާއި މޮރޮކޯއިން ކަންބޮޑުވާ ކަމަކީ ސިޔާސީ ކަންކަން ކަމަށްވެސް އެ ރިޕޯޓްގައި ފާ ހަގަ ކޮށްފައިވެއެވެ.

އެ ދެގައުމުން ކަނޑުމަތީގައި ހާލުގައިޖެހޭ މީހުން ސަލާމަތްކުރުމަށްވުރެ ބޮޑަށް ކަންބޮޑުވަނީ ސިޔާސީ ކަންކަމަށް"

މީގެ އިތުރުން އެ ރިޕޯޓްގައި ބުނެފައިވަނީ ކަނޑުމަތީގެ ހާދިސާތަކުގައި ހާލުގައި ޖެހޭ މީހުން ސަލާމަތް ކުރުމަށްފަހުވެސް އެމީހުންނާއި މެދު އަމަލު ކުރަމުންދަނީ އިންސާނީ ހައްގުތަކާއި ހިލާފަށް ކަމަށެވެ. އެގޮތުން މަޖުބޫރުކުރުވައިގެން އެމީހުން ޖަލުގައި ބަންދުކުރުމާއި، ޖިސްމާނީ ހަމަލާދިނުމާއި، އެ މީހުން ދިރިއުޅޭ ތަންތަނުން ނިކުތުމަށް މަޖުބޫރު ކުރުން ފަދަ ކަންކަން ހންގައެވެ.

އަދި މަރުވާ މީހުންގެ ހަށިގަނޑުތައް ވަޅުލުމުގައި އެމީހުންގެ އާއިލާތަކަށް އިހްތިރާމު ނުކޮށް، އެމީހުންގެ ދީނީ ގަބޫލުކުރުންތަކާއި އެއްގޮތަށް ޖަނާޒާބޭއްވުމުގެ ފުރުސަތު ނުދީ އެއް ވަޅެއްގައި ގިނަ އަދަދެއްގެ ހަށިގަނޑުތައް ވަޅުލާކަންވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ސްޕެއިން އާއި މޮރޮކޯއިން އިންސާނިއްޔަތު ކަމަށްދޭ އަހަންމިޔަތުކަން ކުޑަކަމަށާއި، ދެގައުމުންވެސް ކުރިޔަށް ނެރެފައިވަނީ ސިޔާސީ ކަންކަމުގެ ކަންބޮޑުވުންތައް ކަމަށް ބުނެ މޮނިޓަރިން ގުރޫޕުގެ ރިޕޯޓްގައި ވަނީ އެ ދެގައުމުން ކަނޑުދަތުރުވެރިންނާމެދު އަމަލުކުރާ ގޮތާމެދު ނުރުހުން ފާޅުކޮށްފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *