މޫސުން

މި ދުވަސްވަރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ. އަދި ވިއްސާރައިގެ އިތުރުން ބައެއް ރަށް ރަށަށް ދަނީ އުދައިގެ އަސަރުވެސް ކުރަމުންނެވެ.

މި ވިއްސާރައިގައި ރާއްޖެއަށް ލިބިފައިވާ ގެއްލުންތަކަށް ބަލާއިރު، އުދައިގެ އަސަރު ކުޅުދުއްފުށީ އެއާޕޯޓު ސަރަހައްދަށް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. އަދި ށ.ކޮމަންޑޫ އަށް ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވުމުގެ އިތުރުން މީހުން ދިރިއުޅޭ ގެޔަކަށް ވަނީ ފެނުގެ އަސަރު ކޮށްފައެވެ.

ވިއްސާރައިގެ ސަބަބުން 3 ގެޔަކަށް ގެއްލުން ލިބި ރަށުތެރެއިން ގިނަ އަދަދެއްގެ ގަސް ވެއްޓިގެން ބ.މާޅޮހުން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި މީގެ އިތުރުން ޅ.ނައިފަރުގައި ވާރޭވެހި ފެންބޮޑުވުމުގެ އިތުރުން ގެއެއްގެ ފުރާޅު އެއްލާލާފައިވެއެވެ. ނައިފަރުގެ އިތުރުން ހއ. އިހަވަންދޫގައި ވެސް ވަނީ ގަދަ ވައިގެ ސަބަބުން ގެއެއްގެ ފުރާޅު އެއްލާލާ، އިތުރު ގެއެއްގެ ފާރެއް މައްޗަށް ގަހެއް ވެއްޓި ގެއްލުންތަކެއް ލިބިފައެވެ.

ވިއްސާރައިގެ އަސަރު ރާއްޖޭގެ އެކި ހިސާބަށް ކުރަމުންދާއިރު، ކ އަތޮޅުގެވެސް ގިނަ ރަށް ރަށަށް ވަނީ ކޮޅިގަނޑުގެ އަސަރު ކޮއްފައެވެ. އެގޮތުން ކ.މާފުށި، ކ.ދިއްފުށި އަދި ކ.ތުލުސްދޫއަށް ވައިގަދަވުމުގެ ސަބަބުން ރުއްގަސް ވެއްޓުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ. އަދި މީގެ އިތުރުން ކ.ހުރާ އިން ވަނީ ގެއެއްގެ ފުރާޅެއްގެ ބައެއް އެއްލާލާ ބައެއް ގެއްލުންތައް ލިބިފައެވެ.

ފ. ފީއަލީ ގައިވެސް ވަނީ ގެއެއްގެ ފުރާޅު އެއްލާލުމުގެ ހާދިސާއެއް ހިނގާފައެވެ. އަދި މީގެ އިތުރުން އއ.ފެރިދޫގައި މީހުން ދިރިއުޅޭ ގެއެއްގެ މައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ސަބަބުން އެ ގޭގައި ދިރިއުޅޭ ފަރާތްތަކަށް އެރަށު ކައުންސިލުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *