މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އިން ހުވަދު އަތޮޅުގައި ހައި ސްޕީޑް ފެރީގެ ހިދުމަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ދަށުން ހައި ސްޕީޑް ފެރީގެ ހިދުމަތް ފޯރުކޮށްދެމުން ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.
ހުވަދު އަތޮޅުގައި ބޭނުންކުރާ އާރްޓީއެލް ލޯންޗުތައް ފުރުވާލުމަށް މިއަދު ހުޅުމާލެ ފެރީ ޓާމިނަލުގައި ބޭއްވި ރަސްމިއްޔާތަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ ހުވަދު އަތޮޅުގައި އެ ހިދުމަތް ފަށައިގަތުމަށް އެ ކުންފުނި މިހާރު އޮތީ ތައްޔާރަށް ކަމަށެވެ. މީގެ އިތުރުން އާޒިމް ވިދާޅުވީ އެ އަތޮޅުގައި ފެރީގެ ހިދުމަތް ދިނުމަށް 80 މުވައްޒަފުން ނަގައި އެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ.
ހުވަދު އަތޮޅުގައި ފެރީގެ ހިދުމަތް މިހާރު ފަށަން ތައްޔާރުވެފައިވާއިރު، މި އަހަރުގެ މެދު ތެރޭގައި ހުވަދޫ އަތޮޅުގައި އާރްޓީއެލް ހިދުމަތް ގާއިމުކުރާނެކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ދެއްވާފައެވެ. ހުވަދު އަތޮޅަށްފަހު ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގައި އާރުޓީއެލް ސްޕީޑް ފެރީގެ ހިދުމަތް ފެށުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ މީގެ ކުރިންވިދާޅުވެފައެވެ.
އާރުޓީއެލް މަޝްރޫއުގެ ދަށުން ފެރީގެ ހިދުމަތް މިހާރު ދެމުންގެންދަނީ ހދ. ހއ. ށ. އަދި ޅ. އަތޮޅުގައެވެ.