މުވައްޒަފުންގެ ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން މެލޭޝިއާގެ "ނެދަލޭންޑްސް މެރިޓައިމް ޔުނިވަރސިޓީ ކޮލޭޖް" (އެން.އެމް.ޔޫ.ސީ)އާއެކު އެމް.އޯ.ޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު އޮތް މި ރަސްމިއްޔާތުގައި ކުންފުނީގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއިކުރެއްވީ ސީ.އީ.އޯ ޝާހިދު ޢަލީއެވެ. އެން.އެމް.ޔޫ.ސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ އެގްޒެކުޓިވް ޗެއަރމަން ޑަޓޯ ކެޕްޓަން ރަޒާލީ ޔާކޮބްއެވެ.
މި އެމް.އޯ.ޔޫގެ ދަށުން ޕޯޓާ ގުޅުންހުރި އެކި ދާއިރާތަކުން އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ފައުންޑޭޝަން އިން ފެށިގެން، މާސްޓާސް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރަސަތު ވަނީ ހުޅުވާލާފައެވެ. އަދި މީގެ އިތުރުން ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކުގައި ވެސް ބައިވެރިވުމުގެ ފުރުސަތު އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ލިބިގެންދާނެއެވެ. އަދި ދެ ފަރާތުން ލިބިގެން، މީހުން ބިނާކުރުމާއި ތަޢުލީމާއި ތަމްރީނު ދިނުމުގެ ދާއިރާތަކުން ކޮންސަލްޓަންސީގެ ބައެއް މަސައްކަތްތައް ވެސް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ޝާހިދު ވިދާޅުވީ މި އެމް.އޯ.ޔޫ އަކީ މެރިޓައިމް ޕޯޓުގެ ދާއިރާ އިން މީހުން ބިނާކުރުމަށް އެމް.ޕީ.އެލް އިން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.
ޕޯޓުގެ އެކި ދާއިރާތަކުން މަތީ ތަޢުލީމް ހާސިލްކުރުމުގެ ފުރުސަތު މި ކުންފުނީގެ ހަ މުވައްޒަފަކަށް ކޮންމެ އަހަރުވެސް ލިބިގެންދާނެ ކަމަށާއި، މީގެ އިތުރުން ކުރު މުއްދަތުގެ ތަމްރީނުތައް ވެސް މުވައްޒަފުންނަށް ފޯރުކޮށްދެވިގެން ދާނެއެވެ. މީހުން ބިނާކުރުމާއި މުވައްޒަފުންނަށް މަސައްކަތުގެ ދާއިރާގެ ތަމްރީނާއި ތަޢުލީމުގެ ފުރުސަތުތައް ފޯރުކޮށްދިނުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނުމީ އިތުރު ކުރިއެރުމެއް ކަމުގައި އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
އެން.އެމް.ޔޫ.ސީގެ ޗެއަރމަން ޑަޓޯ ކެޕްޓަން ރަޒާލީ ވިދާޅުވީ މިއަދަކީ "ބަދަހި ގުޅުމެއްގެ ފެށުން" ކަމަށާއި މި އެމް.އޯ.ޔޫގެ ދަށުން އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ތަޢުލީމުގެ އިތުރުން، މަސައްކަތާ ގުޅޭ އަމަލީ ތަޖުރިބާ ވެސް ލިބިގެންދާނެ ކަމަށެވެ.
"މެލޭޝިއާގައި އެބަހުރި ވަރަށް ފެންވަރު ރަނގަޅު ޕޯޓުތައް. ޕޯޓްގެ ދާއިރާގައި އަޅުގަނޑުމެންނަށް ލިބިފައިވާ އަމަލީ ތަޖުރިބާގެ އިތުރުން، ޔުނިވަރސިޓީ އިން ތަޢުލީމް ހާސިލްކުރާ ފަރާތްތަކަށް މަސައްކަތުގެ އަމަލީ ތަޖުރިބާތައް ލިބޭނެ. އަޅުގަނޑުމެންގެ އަމާޒަކީ ދެ ފަރާތުން ގުޅިގެން، ދެ ފަރާތަށްވެސް ފައިދާކުރާނެ މަސައްކަތްތަކެއްކުރުން،" ޑަޓޯ ކެޕްޓަން ރަޒާލީ ވިދާޅުވިއެވެ.