ރ. އުނގޫފާރުން މާލެއަށް ދަތުރުކުރަމުންދިޔަ ފެރީ ލޯންޗެއްގެ ބެޓެރިއެއް ގޮވައި، ހަ މީހަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އުނގޫފާރުން މާލެއަށް 39 މީހުންނާއެކު ދަތުރުކުރި "ކްރިސްޓަލް ސްޕީޑް" ކިޔާ ފެރީ ލޯންޗެއްގައި ބެޓެރިއެއް ގޮވާފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ އެރިޔަދޫ ރިސޯޓު ކައިރީންނެވެ. އަދި ހާދިސާއާ ގުޅިގެން އަނިޔާ ލިބުނު ހަ މީހަކަށް އެހީތެރިވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 16:00 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތުދީފައެވެ.
ހާދިސާގައި އަނިޔާވި މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލު މިހާތަނަށް ހާމަކޮށްފައި ނުވިނަމަވެސް، ހާދިސާގައި އަނިޔާ ލިބުނު ފަރާތްތަކަށް މިހާރު ދަނީ އެރިޔަދޫ ރިސޯޓު ކްލިނިކުން ފަރުވާދެމުންނެވެ.
އަދި މީގެ އިތުރުން ހާދިސާ ހިނގި ލޯންޗުވެސް މިހާރު އޮތީ އެރިޔަދޫ ރިސޯޓުގައި ކަމަށް މައުލޫމާތުލިބެއެވެ.