ހުޅުމާލެ ބްރިޖް ހައިވޭގައި ގާއިމުކޮށްފައިވާ ސްޓަރަކްޗަރގެ މޫދާވީ ފަޅީގައި ސޯލަރ ޕީވީ މޮޑިއުލްސްތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް 4 ޕެނަލެއް ވަޔާއި އެކު ވިއްސައިގެން ގޮސް މޫދަށް ވެއްޓިއްޖެއެވެ.
އެހެން ނަމަވެސް މީގެ އެއްވެސް ޕެނަލަކީ ސްޓްރަކްޗަރގައި ހަރުކޮށްފައި ހުއްޓައި ވިއްސައިގެން ދިޔަ ޕެނަލްތަކެއް ނޫން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށާއި، ޕެނަލްތައް މިހާރު މޫދުން ނަގާފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މި ހާދިސާ އާއި ގުޅިގެން މިހާތަނަށް ބެލިބެލުމުން ސްޓްރަކްޗަރ އަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށާއި 'ޑިޒައިން ފޯލްޓެއް' ފާހަގަ ކުރެވިފައި ނުވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ހައިވޭގައި ދަތުރު ކުރުމަށް ނުރައްކަލެއްވާފަދަ އެއްވެސް ހާދިސާއެއް ނުވަތަ އެފަދަ ނުރައްކަލެއް އޮތްކަމަކަށް މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައި ނުވާކަމަށް މިނިސްޓްރީން ބުނެއެވެ.
މިކަމާއި ގުޅިގެން މިނިސްޓްރީ އިން މިހާރު ނިންމާފައިވަނީ އެ މަސައްކަތުގެ ކޮންޓެރެކްޓަރ މަސައްކަތްކުރިއަށް ގެންދިޔަ ގޮތާއި ގުޅޭގޮތުން އިންޓަރނަލް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދިއުމަށެވެ. އަދި އިތުރަށް މަސައްކަތްތައް ކުރިޔަށް ގެންދާނީ އަޅަންޖެހޭ އެންމެހައި ސަލާމަތީ ފިޔަވަޅުތައް އަޅާފައިވޭތޯ ޔަގީންކުރުމަށްފަހު ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން ކުރިން ހަރުކުރުކޮށްފައިވާ އެއްވެސް ޕެނަލެއްގައި މައްސަލައެއް ހުރިތޯ ބަލާ މައްސަލައެއް ނެތްކަން ޔަގީންކުރާނެ ކަމަށް މިނިސްޓްރީން މިކަމާ ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ބުނެފައވެ. އަދި މިމަސައްކަތް ކުރުމުގައި ސުޕަވައިޒްކުރުން އިތުރުކޮށް ރިޕީޓްކޮށް އިންސްޕެކްޓް ކުރަމުން ގެންދާނެ ވާހަކަ ވެސް އެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.
ހުޅުމާލޭ ލިންކްރޯޑްގައި ހަރުކުރާ 5 މވ ގެ ސޯލާ ޕީވީ ނިޒާމުގެ ސަބަބުން ކަރަންޓު ފޯރުކޮށްދިނުމަށް ތެކަށް ކުރާ ހަރަދުގެ 15 މިލިއަނާއި 20 މިލިއަނާއި ދެމެދުގެ އަދަދެއް ދަށް ކުރެވޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.