އާބަންކޯއިން، ހުޅުމާލެ ސްމާޓް ސިޓީއަކަށް ވާސިލުވުމަށް ލޯރާވޭން އައިއޯޓީ ސެންސަރ ނެޓްވޯކެއް ދިނުމަށް ހަމަޖައްސައިފިއެވެ.

އާބަންކޯ އިން ބުނީ ހުޅުމާލޭ ރައްޔިތުންގެ ދިރިއުޅުން ހިތްފަސޭހަކުރުމަށް އިންގިލާބީ ބަދަލެއް ގެނައުމަށް އެކުންފުނިން ކުރާ ބިޔަ ދަތުރުގައި މުހިއްމު ދައުރެއް އަދާކުރާ އެއް ބްރޭންޑަކީ ސްމާޓްކޮމް ކަމަށެވެ.

ސްމާރޓްކޮމްއިން ޤާއިމުކޮށްފައި ވަނީ ލޯރާވޭން އައިއޯޓީ ސެންސަރ ނެޓްވޯކެކެވެ. މިއީ މިއަދު ކުރިއަރާފައިވާ ޤައުމުތަކުގައި ޤާއިމުކުރަމުން ދާ އެންމެ ފުރިހަމަ އައިއޯޓީ ނެޓްވާކްގެ ބާވަތެކެވެ. މިނެޓްވޯކުގެ ޚާއްޞަކަމަކީ، ކަވަރޭޖު ބޮޑުވެފައި، ޑޭޓާ ބޭނުންކުރާ ވަރު މަދުވެފައި ޑިވައިސްތަކުގެ ބެޓެރީގެ ޢުމުރު ދިގުވުމެވެ.

އާބަންކޯއިން ބުނީ، ދާދިފަހުން ހުޅުމާލޭ ހިޔާ ފްލެޓް ތަކުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާތަކަށް ބަލާއިރު މިފަދަ ހާދިސާތައް ދެނެގަނެ ކޮންޓްރޯލް ކުރުމަށް ކަމާބެހޭ އިދާރާއަށް ދިމާވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކަށީގެންވާ އަވަސްމިނެއްގައި އިތުބާރު ހިފޭގޮތަކަށް އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން ކަށަވަރުކޮށް ވީހާވެސް އަހަށް އެކަމަށް އިޖާބަދިނުން ކަމަށެވެ.

އެކުންފުނިން ބުނީ، ޙާދިސާތައް ދެނެގަތުމަށް ބޭނުން ކުރާ އެލާމްސިސްޓަމްތައް ގިނަފަހަރަށް ބެލެހެއްޓުންވެސް ވެފައިވަނީ ތަކުލީފު ބޮޑު މަސައްކަތަކަށް ކަމަށާ ދެން އޮތީ ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން އިންޓަނެޓަށް ބަރޯސާވާ ސެންސަރ އެއް ހަރުކުރުން ކަމަށެވެ.

އެގޮތުން، މިހާރު ހުޅުމާލޭގައި ސްމާރޓްކޮމް އިން ޤާއިމުކޮށްފައިވާ ވަޔަލެސް ސެންސަރ ނެޓްވޯކަކީ މިފަދަ ސެންސަރުތަކަށް ޚާއްސަ ނެޓްވޯކެއްކަމުން އަލިފާނުގެ ޙާދިސާތައް ދެނެގަތުމުގައި ކަމާބެހޭފަރާތްތަކަށް އިތުރު ފަސޭހަކަމާއި އަވަސްކަމެއް މިފަދަ ނިޒާމެއްގެ ތެރެއިން ފަހިކުރެވިދާނެ ކަމަށް އާބަންކޯއިން ބުންޏެވެ.

ހުޅުމާލޭގައި އައިއޯޓީ ސެންސަރ ނެޓްވާކެއް ޤާއިމުކުރުމުން ހުޅުވިގެންދާ ދޮރުތައް ވަރަށް ގިނައެވެ.

އެގޮތުން، އީޖާދީ ވިސްނުންތަކާއި އިތުރު ސްމާޓް ޓެކްނޮލޮޖީތަކަށް މަގުފަހިވުމާއި، ކޮލެޖެއް ނުވަތަ ޔުނިވާސިޓީގެ ދިރާސާތަކަށް މި ނެޓްވޯކް ބޭނުން ކުރެވިދާނެ ކަމަށާއި، އަދި ސިޓީއަކަށް ދިމާވާ އެންމެ ބޮޑެތި ގޮންޖެހުންތައް ހައްލުކުރުމަށް އެކި ދާއިރާތަކުން ސްމާޓް ސޮލިއުޝަންތައް ތަޢާރަފްކުރުމަށް މިފަދަ ނެޓްވޯކެއް ބޭނުން ކުރެވިދާނެ ކަަމަށް އާބަންކޯއިން ބުންޏެވެ. އަދި ގަސްހެއްދުމާއި ގަސްތަކަށް ފެންޖެހުމަށް ކުރާ މަސައްކަތްތައް ސްމާޓް އިރިގޭޝަންގެ އެހީގައި ލުއި ކުރެވިދާނެކަމަށް އާބަންކޯއިން ބުންޏެވެ.

މީގެ އިތުރުން، މަގުމަތީގެ ތޮއްޖެހުމާއި ޓްރެފިކް މައްސަލަތަކާއި، އެއްގަމު އުޅަނދުފަހަރު ޓްރެކްކޮށް ބެލެހެއްޓުމާއި، ވެއާހައުސް މެނޭޖުކުރުމާއި، ކޮންސްޓްރަކްޝަން މަސައްކަތްކުރާ މަސައްކަތްތެރިންގެ ރައްކާތެރިކަން ދެނެގަތުމަށާއި މީގެ އެހީގައި ރައްކާތެރިކަމުގެ ހެލްމެޓް ނުވަތަ ވަސީލަތްތައް ބޭނުން ނުކުރާ މަސައްކަތްތެރިން ދެނެގަނެ ޒިންމާދާރުކުރުވުމަށާއި ރަށުތެރޭގެ ކުނިބުނި މެނޭޖުކުރުމާއި އަޑުގަދަވުމާއި މިބާވަތުގެ އެތައް މައްސަލަތަކެއް ހައްލުކުރުމަށް ބޭނުންކުރަންޖެހޭ އެތައް ސަތޭކަ ސެންސާތަކެއް ވަރަށް ފަސޭހަކަމާއެކު މިފަދަ ނެޓްވޯކަކާއި ގުޅާލެވިދާނެ ކަމަށް އެކުންފުނިން ބުންޏެވެ.

އާބަންކޯއިން ބުނީ، ހުޅުމާލޭގައި ދިމާވާ އެންމެ ބޮޑު އެއްމައްސަލަ އަކީ ޢާއްމު ސަރަޙައްދުތަކަށް ކުނިއެޅުމުގެ މައްސަލަކަމަށެވެ. އަދި ޚާއްސަކޮށް މޫދުކައިރި އާއި އަތިރިމަތީގައި ކޮތަޅާއި، ފުޅި ދަޅު އަދި ނެޕީ ފަދަ ކުނި އުކާލާފައި ހުންނަ ހުރުމަކީ ލަދުވެތި ކަމެއްކަމުގައެވެ. ހުޅުމާލޭ އޮޕަރޭޝަންސް ސްޓާފުން ފާހަގަ ކުރައްވާގޮތުގައި ބަރާބަރަށް ޑަސްބިންތައް ބޭނުން ނުކުރުމާއި އަދި ފުރޭ ޑަސްބިންތައް ދެނެގަނެ ވީހާވެސް އަވަހަށް އެޑަސްބިންތައް ހުސްކުރުން ވެފައިވަނީ ވަރަށް ބޮޑު ގޮންޖެހުމަކަށް ކަމަށެވެ.

މިކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ސްމާޓްކޮމް އިން ވަނީ ޑަސްބިންތައް "ސްމާޓް" ކުރަން ފަށާފައި ކަމަށާ ނަތީޖާއެއްގެ ގޮތުން ކަމާގުޅޭ މުވައްޒަފުންނަށް މި ޑަސްބިންތައް ބޭނުންކުރާގޮތުގެ ތަފާސްހިސާބު ބަލާލެވޭނެ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ. އެގޮތުން އެންމެގިނައިން ފުރޭ ބިންތަކާއި ފުރޭ ދުވަސްތަކާއި ފުރޭ ވަގުތުތައް ފަސޭހަކަމާއެކު ދެނެގަނެވޭނެ އެވެ. މިއީ ތިމާވެއްޓާ ރައްޓެހި ހިތްފަސޭހަ ތަނަކަށް ހުޅުމާލެ ހެދުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާ ކަމެއްކަމަށް އެކުންފުނިން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *