ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް

ސްޓެލްކޯ އާއި އެއްވަރަށް ހިދުމަތް ދެވޭނެ އެހެން ކުންފުންޏެއް ވުޖޫދަށް އަދި ނާންނަ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ 26 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، ސްޓެލްކޯގައި ހުނަރުވެރި، ގާބިލް އަދި އިޚުލާސްތެރި މުވައްޒަފުން ތަކެއް އެބަތިބި ކަމަށާއި، އޭގެ ތެރޭގައި އިންޖީނިއަރުންނާއި، އެނޫންވެސް ޓެކްނިކަލް ދާއިރާގެ ބޭފުޅުން ހިމެނޭ ކަމަށެވެ. އަދި އެފަދަ ހުނަރުވެރި، ގާބިލް، އިޚުލާސްތެރި މުވައްޒަފުން ތައްޔާރު ކުރެވިފައި ވަނީ އެއް އަހަރަކުން ދެ އަހަރަކުން ނޫންކަމަށާއި މިއީ އެތައް ބައިވަރު އަހަރެއްގެ ބުރަ މަސައްކަތް ،ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ސްޓެލްކޯ އަކީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ސަރުކާރުން އުފައްދަވާފައިވާ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏެއް ކަމަށާއި، ކަރަންޓުގެ ހިދުމަތް ދޭން އުފެއްދި އެ ކުންފުންނި މިހާރު ވަނީ އިތުރަށް ފުޅާވެ ކަރަންޓުގެ އިތުރުން ފެނާއި ނަރުދަމާގެ ހިދުމަތްތައްވެސް ދޭ ކުންފުންޏަކަށް ބަދަލުވެފައި ކަމަށެވެ.

ސްޓެލްކޯގެ މުވައްޒަފުންނަށް ކޮންމެ މަހަކު ރައްޔިތުންނާ ބިލް ހަވާލްކުރުމުން އަމާޒްކުރެވޭ ތުހުމަތުތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ޝަރިފް ވިދާޅުވީ އެ މައްސަލައަށް ވެސް ހައްލެއްހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ޝަރީފް ވިދާޅުވީ، ސްޓެލްކޯއިން ރައްޔިތުން ބޭނުންނުކުރާ ކަރަންޓަކަށް ފައިސާ ނުނަގާކަމަށާއި، ކުރިމަގުގައިވެސް ނުނަގާނެކަމަށެވެ. މި ކަމަށް ހައްލެއް ހޯދުމަށްޓަކާ މި އަހަރުތެރޭގައި ގޭގޭގައި ސްމަރޓް މީޓާރ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށެވެ.

ސްމަރޓް މީޓާރ އިންސްޓޯލް ކުރުމުގެ ސަބަބުން އެ ވަސީލަތް ބޭނުންކޮށްގެން ކޮންމެ ކަސްޓަމަރަކަށް އެ ކަސްޓަމަރެއްގެ ގެއިން ކޮންމެ ދުވަހަކު ބޭނުން ކުރެވުނު ކަރަންޓުގެ މިންވަރު އެނގިގެންދާނެ ކަމަށެވެ. އަދި ކޮންމެ މަހެއްގައި ކަރަންޓު ބޭނުންކުރެވޭ މިންވަރާ އަދި އެއް މަހުން އަނެއް މަހަށް މައްޗަށްދާވަރާއި ތިރިއަށް ދާވަރު އެނގިގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *