ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު ރަފީޢުއްދީން އަޙްމަދަށް ނަޞޭޙަތްތެރިވުމަށް ނިންމައިފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަނުން ބުނީ، ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ޤަޟިއްޔާއެއްގެ ޝަރީޢަތް ފެށިގެން ގޮސް، ދެފަރާތުން ޚުލާސާ ބަޔާން ހުށަހެޅުމުން ޤަޟިއްޔާގެ ޝަރީޢަތުގެ އަޑުއެހުންތައް ނިމިފައިވާ ކަމަށާއި، ޚުލާސާ ބަޔާން ނިމުނު ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޙުކުމް ކުރުމުގެ މަޖިލިސް ބާއްވާފައިނުވާކަމަށެވެ.
އަދި ތަޙުޤީޤަށް ހޯދުނު ލިޔެކިޔުންތަކުގައި ވާގޮތުން ޙުކުމް ކޮށްފައިވަނީ ޤަޟިއްޔާގެ އަޑުއެހުންތައް ނިމުނު ތާރީޚުން ފެށިގެން ރަސްމީ ބަންދު ދުވަސް ނުހިމަނައި 107 ދުވަސް އަދި ރަސްމީ ބަންދު ދުވަސް ހިމަނައިގެން 157 ދުވަސް ފާއިތުވި ފަހުންކަންކަމަށެވެ.
އެގޮތުން، ޤަޟިއްޔާގެ ޙުކުމް ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ބ)ގައި ބުނާ މުއްދަތުގެ ތެރޭގައި ކޮށްފައި ނުވަނީ މެޖިސްޓްރޭޓަށް ރަފީއުދީން އަޙުމަދަށް ޙުކުމް ކުރުމަށް އެކަށީގެންވާ ވަގުތު ލިބި، މެޖިސްޓްރޭޓްގެ އިހުމާލެއް އޮވެގެން ކަމަށް ތަޙުޤީޤަށް ސާބިތުވެއްޖެނަމަ، މެޖިސްޓްރޭޓް އަލްއުސްތާޛު ރަފީޢުއްދީން އަޙްމަދުގެ މި ޢަމަލަކީ، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ގެ 142 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 ވަނަ ނަންބަރާއި، 6.2 ވަނަ ނަންބަރާއި، ޚިލާފަށް ކޮށްފައިވާ ޢަމަލަކަށްވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، ނަސޭޙަތްދިނުމަށް ފެންނަކަމަށް 2023 މޭ 24 ވަނަ ދުވަހު ބޭއްވުނު މިކޮމިޝަންގެ 35 ވަނަ ޖަލްސާގައި ވަނީ ނިންމާފައެވެ.