ލާމު އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ވޯޓަރ ސޮލިއުޝަންސްއާ ހަވާލުކޮށްފިއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ، ތިމާވެށީގެ ގާނޫނުގެ ދަށުން ލާމު އަތޮޅުގައި ހިމާޔަތް ކޮށްފައިވާ 6 ސަރަހައްދެއް ބެލެހެއްޓުމަށް މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފައިވާ ކަމަށެވެ.
އެންދެރި މަޝްރޫޢުގެ ދަށުން ކުރާ މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަދި ވޯޓަރ ސޮލިއުޝަންސް ގެ ފަރާތުން ސޮއި ކުރީ މިކަމަށްޓަކައި ލ. ފޮނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ލާމު އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމަށް ވޯޓަރ ސޮލިއުޝަންސްއާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުން - ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ
10 މަސް ދުވަހުގެ މުއްދަތެއްގައި ނިންމުމަށް ހަމަޖެހިފައިވާ މި މަސައްކަތުގެ ތެރޭގައި މި ސަރަހައްދުތައް ބޭނުންކުރާ ފަރާތްތަކާއެކު މަޝްވަރާތައް ބޭއްވުމާއި، މި ސަރަހައްދުތައް ބޭނުން ކުރާގޮތާއި މިންވަރުގެ ޗާޓުތައް ތައްޔާރުކުރުމާއި، މި ސަރަހައްދުތައް ތަރައްޤީކުރުމުގެ 10 އަހަރުގެ އެކްޝަން-ޕްލޭން އެކުލަވާލައި އަދި ތަރައްޤީ ކުރާނޭ ގޮތުގެ ކުރެހުމާއި ތްރީޑީ ޑިޒައިން ތައްޔާރުކުރުން ވެސް ހިމެނެއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ސީނިއަރ ކޮންޒަވޭޝަން އޮފިސަރ، ލިސާމާ ސަބްރީ ވިދާޅުވީ ތިމާވެށީގެ ގޮތުން ހިމާޔަތް ކުރެވޭ ސަރަހައްދުތަކަށް މެނޭޖްމަންޓް ޕްލޭން ހެދުމަކީ ގިނަފަހަރު ވަރަށް ގިނަދުވަސް ނަގާކަމެއްކަމަށާއި، ލާމު އަތޮޅަކީ މުޅި ރާއްޖޭގައި ވެސް އެންމެ ހަލުވި ސްޕީޑެއްގައި މެނޭޖްމަންޓް ޕްލޭން ތައްޔާރު ކުރެވޭނެ އަތޮޅަށް ވެގެންދާނެކަމަށެވެ.
މި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ، ތިމާވެށީގެ ގޮތުން ހިމާޔަތްކުރެވޭ ތަންތަނަކީ އެއްވެސް ބޭނުމެއް ނުކުރެވި އަޅާނުލެވި ބޭއްވޭ ތަންތަންކަމުގައި ވަރަށް ގިނަ ފަރާތްތަކުން ދެކޭކަމަށެވެ،
ނަމަވެސް އެ ސަރަހައްދުތައްވެސް ކަނޑައެޅޭ އުސޫލުތަކެއްގެ ތެރެއިން ތަރައްޤީކޮށް ބޭނުންކުރެވޭނޭކަމަށާއި މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމުގައި އެ ސަރަހައްދުތައް ބޭނުންކުރާ ވީހާވެސް ގިނަ ފަރާތްތަކުގެ ހިޔާލާއި ވިސްނުން ހޯދުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
އެންދެރި މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖަރ މަރިޔަމް ފަޒްނާއާއި ލާމު އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް އަލީވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން މި މަސައްކަތުގެ މުހިންމުކަމާއި ގުޅޭ ގޮތުން ވާހަކަދެއްކެވިއެވެ.